އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑްގައި އޭޕްރީލް 11 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއްޔެ އިއުލާންކުރިއިރު، އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ ހަވަނަ ދައުރު ކަށަވަރު ކުރެއްވި ރައީސް އިދްރީސް ދެބީ، ހަނގުރާމައިގެ މައިދާނުގައި އުޅުއްވަނިކޮށް އަވަހާރަވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ޕްރޮވިންޝަލް ނަތީޖާ އިއްޔެ އިއުލާން ކުރިއިރު، ރައީސް އިދްރީސް ދެބީއަށް 79.3 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ނަމަވެސް، އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރެއްވުމުގެ ބަދަލުގައި ރައީސް ސީދާ ވަޑައިގެންނެވީ ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެކޮޅަށް ޗާޑްގެ އުތުރުގެ ސާހިލް ސަރަހައްދުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް ޒިޔާރަތް ކުރެއްވުމަށެވެ.

ލީބިޔާއާ އިންވެގެން އޮންނަ ސާހިލް ސަރަހައްދުގައި، ވޯޓްލީދުވަހު ސިފައިންގެ ޕޯސްޓަކަށް ހަމަލާދިނީ ފްރަންޓް ފޮރ ޗޭންޖް އެންޑް ކޮންކޯޑް އިން ޗާޑް ނަމަކަށްކިޔާ ހަތިޔާރުއެޅި ބާޣީ ޖަމާއަތަކުންނެވެ. އޭގެފަހުން ދެކުނާ ދިމާއަށް ދިޔައީ ކުރިއަރަމުންނެވެ.

އުމުރުފުޅުން 68 އަހަރުގެ ރައީސް އިދްރީސް ދެބީ އަވަހާރަވީ، ފްރަންޓްލައިންގައި ސިފައިންނަށް ކޮމާންޑް ކުރައްވަން އުޅުއްވަނިކޮށް ހަނގުރާމަވެރިން ދިން ކުއްލި ވަރުގަދަ ހަމަލާތައް އަމާޒުވެ ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ދެމުން ގެންދަނިކޮށެވެ.

ރައީސް އަވަހާރަވިކަން ކަށަވަރު ކޮށްދެއްވާފައިވަނީ ސިފައިންގެ ތަރުޖަމާނު ޖެނެރަލް އާޒިމް ބާރމަންޑޯ އަގޫނާއެވެ.

ޗާޑްގެ ރައީސް އިދްރީސް ދެބީ (މ)

ހަނގުރާމަވެރިންނާ ދެކޮޅަށް ސިފައިން ދެމުންގެންދާ ހަމަލާތަކުގެ ކޮމާންޑަރަކަށް ހުންނެވި ރައީސް އިދްރީސް ދެބީ އަވަހާރަވުމުން، އަސްކަރީ އެންމެ އިސް ކައުންސިލުން މިހާރުވަނީ ރައީސް އިދްރީސްގެ ދަރިކަލުން، އުމުރުފުޅުން 37 އަހަރުގެ މަހަމަޓް އިދްރީސް ދެބީ ޗާޑްގެ ވެރިކަމަށް އިސްކޮށްފައެވެ.

މަހަމަޓް އިދްރީސް ދެބީއަކީ 4 ތަރީގެ ޖެނެރަލެކެވެ.

ރައީސް އަވަހާރަވުމާ ގުޅިގެން، ސާހިލްއިން ސަރަހައްދީ އިންތައް ބަންދުކޮށް މިހާރުވަނީ ކާފިއު ހިންގާފައެވެ.