އިންޑިއާގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދިނުމަށް ޚާއްސަ ކޮށްފައިވާ ހޮސްޕިޓަލަކުން މެޑިކަލް އޮކްސިޖަން ފޯރުކޮށްދިނުމުގައި ދިމާވި މައްސަލައެއްގައި ކޮވިޑް ބަލިމީހުންގެ 22 މީހުން މަރުވެއްޖެއެވެ.

މިކަން ހިނގާފައިވަނީ، އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ސްޓޭޓް ކަމަށްވާ މަހާރަޝްޓްރާ ސްޓޭޓްގސެި ހުންނަ ޒާކިރް ހުސައިން ހޮސްޕިޓަލްގައެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުން މެދުކެނޑުނީ، ހޮސްޕިޓަލްގެ ބޭރުގައި ހުރި އޮކްސިޖަން ޓޭންކުން ލީކުވާން ފެށުމުންނެވެ.

ޓޭންކުން ލީކްވާން ފެށީ، އޮކްސިޖަން ޓޭންކަރަކުން ޓޭންކަށް އޮކްސިޖަން ރީފިލް ކުރަން އުޅުމުގެ ތެރޭގައެވެ.

ނާޝިކް ޑިސްޓްރިކްޓްގެ ކަލެކްޓަރ ސޫރަޖް މަންޑާރޭ ވިދާޅުވީ، އޮކްސިޖަން ޓޭންކުން ލީކްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް އޮކްސިން ފޯރުކޮށްދިނުން ގަޑިއެއްހާ އިރަށް މެދުކެނޑުނު ކަމަށެވެ.

މިކަމުގެ ސަބަބުން ކޮވިޑް ބަލިމީހުންގެ 22 މީހުން މަރުވެފައިވާ ކަމަށްވެސް ސޫރަޖް ވިދާޅުވިއެވެ. އަދި އެތައް ބަލިމީހުން އެހެން ހޮސްޕިޓަލްތަކަށް ވަނީ ބަދަލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިހާދިސާގައި މަރުވެފައިވާ އެންމެންނަކީ ވެންޓިލޭޓަރުގައި ތިބި މީހުން ކަމަށެވެ.

ގަޑިއެއްހާއިރު ފަހުން ހޮސްޕިޓަލުގައި ތިބި އިތުރު 150 މީހަކަށް އޮކްސިޖަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނާޝިކްގެ ޑިސްޓްރިކްޓް ކަލެކްޓަރ ސޫރަޖް ވިދާޅުވިއެވެ.

އޮކްސިޖަން ޓޭންކުން ލީކްވާންފެށި ވަގުތުގެ މަންޒަރުތައް ޓީވީތަކުން ދުރަށް ދައްކާފައި ވެއެވެ. މަންޒަރުތަކުން ފެންނަގޮތުގައި މުޅި ސަރަހައްދު އޮތީ ދުންގަނޑެއް ހެންނެވެ.