އިންޑިއާގެ ހިންދީ ސިނަމާ ދުށް އެންމެ ވަރުގަދަ ޝަޚްސިއްޔަތު އަދި ހުނަރުވެރި އެކްޓަރު އިރްފާން ޚާން ހިންދީ ސިނަމާއާ ވަކިވެދިއުން ވެގެން ގޮސްފައިވަނީ މިއަދާ ހަމައަށްވެސް ގިނަބަޔަކަށް ގަބޫލުކުރަން ދަތި ކަމަކަށެވެ.

އެހެންނަމަވެސް ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އިރުފާންގެ އާއިލާއާއެކު އޭނާގެ ފޭނުންވެސްދަނީ ހަގީގަތާ ކުރިމަތިލާން ދަސްކުރަމުންނެވެ.

އިރުފާނުގެ ދަރިފުޅު ބާބިލް ޚާން ބައްޕަގެ ފިޔަވަޅުތައް ބަލައި އެކްޓަރު ހިނގި މަގުން ކުރިއަށްދާން ގަސްތުކޮށްފައި ވާއިރު ގިނަ ބަޔަކުވަނީ އޭނާއާ ދިމާލަށް ބަލައިނުގަނެވޭނެފަދަ އިބާރާތްތަކުން މުޚާތަބްކޮށްފައެވެ.

ދާދިފަހުން ހިންދީ ސިނަމާއަށް ތައާރަފްވެފައިވާ ބާބިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ، ބައްޕަގެ ފޮޓޯތަކާއެކު އޭނާގެ ހިތުގައި އުފެދޭ ޝުއޫރުތައް ބާބިލް ލިޔަނީ އޭނާ އަމިއްލައަށް މަޝްހޫރުވެ މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ބާބިލްގެ އިންސްޓަގްރާމް އެކައުންޓަށް ނަޒަރު ހިންގާލިއަސް ބާބިލްއާ ބައްޕަ އިރުފާނުގެ އިތުރުން މަންމަ ސުތާޕާއެކު ހޭދަކޮށްފައިވާ ވަރަށް ގިނަ ހަނދާންތައް އޭނާ ފޭނުންނާ ހިއްސާކޮށްފައި ވެއެވެ.

އެހެންނަމަވެސް އެއީ އެއްގޮތަކަށްވެސް ބައެއްގެ ސަމާލުކަން ހޯދައި އޭނާ އަމިއްލައަށް ޕްރޮމޯޓްވުމަށް ނޫންކަމަށް ބާބިލްވަނީ ބުނެފައެވެ.

ނަތީޖާއެއްގެ ގޮތުން ބާބިލްވަނީ ބައްޕައާއެކު ހޭދަކޮށްފައިވާ ދުވަސްތަކުގެ ހަނދާންތައް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އެއްގޮތަކަށްވެސް ހިއްސާ ނުކުރުމަށް ނިންމާފައެވެ.

އިރުފާން ޚާންއަށް ސަޕޯޓްކުރާ އޭނާގެ ގިނަ ފޭނުން ދަރިފުޅު ބާބިލް ޚާންވެސް ފޮލޯކުރަމުން ދިއުމާއެކު އިރުފާންގެ މިއަދާ ހަމައަށް ނުފެންނަ ގިނަ ފޮޓޯތަކެއް ބާބިލް ދިޔައީ އެކްޓަރުގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ނަމަވެސް ކުއްލިގޮތަކަށް އެފަދަ ފޮޓޯތަކާއި ޕޯސްޓްތައް މެދުކެނޑުމުން ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދި ބާބިލްއާވަނީ ސުވާލު ކޮށްފައެވެ.

މިސުވާލަށް ރައްދު ދެމުން ބާބިލް ބުނެފައިވަނީ އޭނާއަކީ ޚުދު އިރްފާންގެ ދަރިފުޅަށް ވާއިރު ގިނަ ބަޔަކު އޭނާއަށް އެކުރާ ތުހުމަތުގެ އެއްވެސް ހަގީގަތެއް ނުވިސްނޭ ކަމަށެވެ.

އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ބައްޕަގެ ފޮޓީތަކާއި ހަންދާންތައް ފޭނުންނާ ހަމައަށް ގެނެސްދެމުން ދާނެކަމުގެ އުފާވެރި ޚަބަރުވެސް ބާބިލްވަނީ އިންސްޓަގްރާމް ޕޯސްޓްގައި ހާމަކޮށްފައެވެ.