ސެރިއާ އޭގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާ އިންޓާ މިލާނުން 11 އަހަރަށްފަހު އިޓާލިއަން ލީގު ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.
އިންޓާއަށް މި ލީޑު ލިބުނީ ބުދަ ދުވަހުގެރޭ ސްޕެޒިއާގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅެ އެއްވަރުވެގެން ހޯދި ޕޮއިންޓާއި އެކުގައެވެ.
މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ އެހެންނަމަވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ދެޓީމުންވެސް ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ.
މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ސްޕެޒިއާ އިންނެވެ. މިލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއެގޯ ފަރިއަޒސް އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 39 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ އިންޓާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މީގެއިތުރުން ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އިންވަނީ ފަހަތުންއަރާ ރެލިގޭޝަން ޒޯނުގައި އޮތް ޕާމާގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޕާމާއިން ލަނޑުޖަހާ ލީޑުނަގާފައިވަނީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައެވެ. އެހެންނަމަވެސް ޔުވެންޓަސް އިންވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެލެކްސް ސަންޑްރޯ އެވެ. ޔުވެންޓަސްއިން ލީޑުނެގި ލަނޑުވެސް ކާމިޔާބުކުރީ ސަންޑްރޯ އެވެ. މިލަނޑު ސަންޑްރޯ ކާމިޔާބުކުރީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައެވެ. އަދި އެޓީމުން ލީދު ފުޅާކުރި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަތިއަސް ޑެލިޓް އެވެ.
ލީގުގައި އިންޓާ އާއި ވާދަވެރި އޭސީ މިލާން ވަނީ ސަސުއޯލޯ އަތުން 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިމެޗު 1-2 ގެ ނަތީޖާއަކުން ސަސުއޯލޯ ކާމިޔާބުކުރިއިރު އެޓީމުގެ ކޯޗު މެޗަށްފަހު ވާހަކަދައްކަމުން ބުނީ، މި މެޗަށް އެޓީމު އަންނަން ބޭނުންނުވި ކަމަށާއި އެހެންނަމަވެސް ލީގަށް ހުރަސްއެޅުމަށް ބޭނުން ނުވާތީ އެޓީމުން މެޗަށް ހާޒިރުވީ ކަމަށެވެ. ސަބަބަކީ ފުޓުބޯޅަ ހަލާކުކޮށްލުމުގެ ނިޔަތުގައި އުފެއްދި ސުޕާ ލީގުގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި އޭސީ މިލާން އޮތުންކަމަށްވެސް ކޯޗް ރޮބާޓޯ ޑިޒާބީ ބުންޏެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން މިލާނުގެ ލެޖެންޑް އަދި ކުލަބުގެ ޑިރެކްޓަރ ޕައޮލޯ މަލްޑިނީ ވަނީ މިހާރު ހުއްޓުމަކަށް އައިސްފައިވާ ސުޕާ ލީގުގައި ޓީމުން ބައިވެރިވން ކުރިން ނިންމިނިންމުމަށް މާފަށް އެދިފައެވެ. އަދި މިކަމަކީ އޭނާއަށްވުރެވެސް މަތީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނިންމުމެއް ކަމަށްވީނަމަވެސް، އެހެންނަމަވެސް އޭނާވެސް އެކަމުގެ ޒިންމާއިން ރެކެން ބޭނުންނުވާ ކަމަށް މަލްޑިނީ ބުނެފައިވެއެވެ.
މިލާނާއި އެކު ފައުންޑިންގ މެމްބަރުންގެ ގޮތުގައި ތިބި 10 ކުލަބަކުން މިހާރު ވަނީ ސުޕާ ލީގުގައި ބައިވެރިނުވާން ނިންމާފައެވެ. މިހާރު ލީގުގައި ފައުންޑިންގ މެމްބަރުންގެ ގޮތުގައި ތިބީ ހަމައެކަނި ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓާ އޮތީ 32 މެޗުން 76 ޕޮއިންޓާއި އެކުއެވެ. އަދި ދެވަނައިގައި އޭސީ މިލާން އޮތީ 32 މެޗުން 66 ޕޮއިންޓާއިއެކުއެވެ. އަދި ތިންވަނައިގައި އޮތް ޔުވެންޓަސް އަށް 32 މެޗުން 65 ޕޮއިންޓު ލިބޭއިރު މިލާން ބަލިކުރި ސަސުއޯލޯ އޮތީ ތާވަލުގެ އަށްވަނައިގައި 49 ޕޮއިންޓާއި އެކުގައެވެ. ސްޕެޒިއާ 33 ޕޮއިންޓާއެކު 15 ވަނައިގައި އޮތްއިރު ޕާމާ ރެލިގޭޝަން ޒޯނުގައި ތާވަލުގެ 19 ވަނައިގައި އޮތީ 20 ޕޮއިންޓާއި އެކުގައެވެ.