މި ހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ގެނައީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގައުމީ އެއަރލައިން، އެމިރޭޓްސްއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "މޯލްޑިވްސް ޓުއަރިޒަމް އަޕްޑޭޓްސް" ގައިވާ ގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މިހިނގާ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެމިރޭޓްސްއިން 71،779 ފަތުރުވެރިން ރާއްޖެ ގެނެސްފައިވެއެވެ.

މިމުއްދަތުގައި އެމިރޭޓްސް އިން ރާއްޖެއަށް 802 ދަތުރުކޮށްފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ގެނައީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 52،103 ފަތުރުވެރިން ގެނެސްފައިވާއިރު، މިމުއްދަތުގައި އެ އެއާލައިނުން 628 ދަތުރުކޮށްފައި ވެއެވެ.

މީގެއިތުރުން ލިސްޓުގެ ތިންވަނައިގައި އޮތް އިންޑިގޯއިން 790 ދަތުރުކޮށް 48،341 ފަތުރުވެރިން ގެނެސްފައިވެއެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ގެނެސްފައިވާ ލިސްޓުގައި، އޭރޯފްލޮޓް، ގޯ އެއާ، ޓާކިޝް އެއާލައިންސް، މޯލްޑިވިއަން، ފްލައި ދުބާއީ، އަޒުރު އެއާ ރަޝިއާ، އޮސްޓްރިއަން އެއާލައިންސްގެ އިތުރުން އިއްތިހާދް އެއާވޭސް ހިމެނެއެވެ.

ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ރަޝިއާ، ޔޫކްރެއިން، ޖާމަނީ، ކަޒަކްސްތާން، ފްރާންސް، ރޮމާނިއާ، އިނގިރޭސިވިލާތް އަދި ޔޫއެސްއޭގެ އިތުރުން ސްވިޒަލޭންޑްއެވެ.

އެގޮތުން ލިސްޓުގެ އެއްވަނައިގައި އޮތް އިންޑިއާއިން 83،289 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ރަޝިއާއިން 78،847 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި ޔޫކްރެއިން އިން 20،201 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް 365،324 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ރާއްޖޭގައި މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތްދޭ 715 ތަނެއް ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ 161 ރިސޯޓާއި، 712 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީއެވެ. މިއީ 47،155 ބެޑް ކެޕޭސިޓީއެވެ.