އިންޑިއާގައި ކޮވިޑް-19 ބަލީގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިއްޖެއެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް އިންޑިއާއިން 314،835 މީހުން އަލަށް ޕޮޒިޓިވް ވެފައި ވެއެވެ.

މިއީ، ދުނިޔޭގައި ކޮވިޑްބަލި ފެތުރޭން ފެށިފަހުން ގައުމަކުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން އަލަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގައި އަލަށް ބަލިޖެހޭ މީހުންނާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާއެކު، ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަމުގައިވެސް އިންޑިއާއަށްވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި، އިންޑިއާގެ އުތުރާއި، ހުޅަނގުގެ ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުން މިހާރުވެސްވަނީ، އެ ތަންތާނގައި މެޑިކަލް އޮކްސިޖަން މިހާރު ހުރީ، ކޮވިޑް ބަލި މީހުންނަށް މަދު ގަޑިއިރުތަކެއްގައި ފަރުވާ ދެވޭ މިންވަރަށް ކަމަށް ބުނެ ނޯޓިސްތައް ނެރެފައެވެ.

އިންޑިއާގެ ތިންބައިކުޅަ ދެބައި ހޮސްޕިޓަލްތަކުންވަނީ، ބަލިމީހުން އެޑްމިޓް ކުރާނެ އިތުރު އެނދުތަކެއް ނެތްކަމަށް ބުނެފައެވެ. ޑޮކްޓަރުން ގެންދަނީ ބަލިމީހުން ގޭގައި ތިބުމަށް އިރުޝާދު ދެމުންނެވެ.

"ހާލަތު ވަރަށް ނާޒުކު. ބަލިމީހުން ގެންދަނީ ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލްތަކުން އެނދު ހޯދުމަށް ބުރަ މަސައްކަތް ކުރަމުން. ޚާއްސަކޮށް އޮކްސިޖަން ލިބުންވެސްވަނީ ދަތިވެފައި" ޑރ. ކިރިޓް ގަދާވީ / އަހްމަދުއާބާދު މެޑިކަލް އެސޯސިއޭޝަންގެ ރައީސް

ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ، ކޮވިޑްބަލީގެ ކާރިޘާގެ ސަބަބުން އިންޑިއާގެ ސިއްހީ ޚިދުމަތުގެ މުޅި ނިޒާމު ވާގިނެތޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15.93 މިލިއަނަށް އަރާފައެވެ.

މިއަދު މަރުވި 2،104 މީހުންނާއެކު، ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު 184،657 އަށް އަރާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮވިޑް ބަލީގެ ހާލަތުން ސަލާމާތްވުމަށް ރައްޔިތުންނަށް ވެކްސިން ދިނުމުގެ ބިޔަ ޕްރޮގްރާމެއް އިންޑިއާ ސަރުކާރުން ފެށި ނަމަވެސް، މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ މަދު އިންސައްތައެއްގެ މީހުންނަށެވެ.

ވެކްސިން ޕްރޮގްރާމް އިތުރަށް ފުޅާކޮށް، މެއި 1 ވަނަ ދުވަހުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ލިބެން ހުންނާނެ ކަމަށް ކަމާބެހޭ ފަރަތްތަކުން ބުނެފައި ވީނަމަވެސް، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 600 މިލިއަން މީހުންނަށް ވާވަރަށް ވެކްސިން ލިބޭނެ ކަމާމެދު ތަޖުރިބާކާރުން ސުވާލު އުފައްދަވައެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، އިންޑިއާގައި ބަލީގެ ހާލަތު ގޯސްވެގެން މިދިޔައީ، ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި ވަނިކޮށް މިދިޔަ ފިނި މޫސުމާ ދިމާއަށް ފިޔަވަޅުތަކަށް ލުއިދީ، އާންމު އެއްވުންތައް ބޭއްވުމުގެ ހުއްދަ ދިނުމުން ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފްތާގައި ސްޓޭޓް ސަރުކާރުތަކަށް އަންގަވާފައިވަނީ، ބަލި ފެތުރުން ހުއްޓުވަން ސްޓޭޓް ފެންވަރުގައި ލޮކްޑައުންގެ ފިޔަވަޅުތައް އެޅުމަށެވެ. އަދި އާންމުންގެ ކިބައިން އެދިވަޑައިގެންފައިވަނީ ގޭގައި ތިބުމަށެވެ.

ހަމަ އެއާއެކު، ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކަށް އޮކްސިޖަނާއި ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

އިންޑިއާގައި ގިނަ ބަޔަކަށް ކޮވިޑްބަލި ޖެހެމުންދަނީ ކޮވިޑް ވައިރަހުގެ އައު ވޭރިއެންޓުތަކުގެ ސަބަބުންނެވެ. ޚާއްސަކޮށް އިންޑިއާއިން ފެނިފައިވާ "ޑަބަލް މިއުޓެންޓް" ވޭރިއެންޓް އެކަމުގައި ބޮޑު ރޯލެއް ކުޅޭކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.