ގަދަކަމުން އަންހެން ކުއްޖަކު ގެންގޮސް ޖިންސީ ގޯނާ ކުރުމަކީ މިފަދަ މުޖުތަމައެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އާންމުންގެ ކަންބޮޑުވުން މިހާދިސާއަށް ހުއްޓިފައިވާ ވަގުތެއްގަ އެކަން ކުށްވެރިކޮށެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަމާކޫއްތާފަ އަނިޔާކޮށް އަންހެން ކުއްޖެއް ގެންގޮސް ރޭޕް ކުރަން ނުވަތަ ޖިންސީ ގޯނާ ކުރުމަކީ މިފަދަ މުޖުތަމެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެ ޖަރީމާ ހިންގި މީހުންނަށް އިސްލާމް ދީނާއި ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައްވާ ޝަހީމް ވަނީ އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން އެދިވަޑައިގެންފައެވެ.

މި މައްސަލާގައި ޝާމިލްވާ ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންނަށް 10 ދުވަހުގެ މުއްދަތު ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.