ދެވަނަ މަންޒިލަކަށް ދަތުރުކުރާ ފަތުރުވެރިން ނުވަތަ، ޑުއަލް ޑެސްޓިނޭޝަން ޓޫރިސްޓުުންނަކީ ޓޫރިޒަމަށް ވަރަށް މުހިންމު މާރކެޓެއްކަމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ނޫހުގައި "އެންމެ ހާލަތު ގޯސް އިންޑިއާގެ މީހުންނަށް ރާއްޖޭގައި ހާއްސަ "ކަރަންޓީން ޕެކޭޖު"" މި ސުހުރީގެ ދަށުން ލިޔެފައިވާ ލިޔުމަކާއި ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައެވެ.

އެލިޔުމުގައި ވަނީ، ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެންމެ ގޯސްކޮށް މިހާރު އޮތް އިންޑިއާގެ މީހުންނަށް، ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކަށް ސީދާ ދިއުމުގެ ހުއްދަ ނޯންނާތީ، އެ މީހުން އެ ގައުމުތަކަށް ދާން ޖެހެނީ 14 ދުވަހުގެ ކަރަންޓީނެއްގައި ތިބުމަށް ފަހު އެވެ. އެހެންކަމުން "ކަރަންޓީން ޕެކޭޖު"ގެ ދަށުން ޓޫރިސްޓުންގެ ގޮތުގައި އެ މީހުން ރާއްޖޭގައި ތިބޭއިރު، 14 ދުވަސް ހަމަކޮށް، އެނބުރި މެދުއިރުމައްޗަށް ދާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓު ވެސް ހިލޭ ހެދޭ ގޮތަށް، އެ ޕެކޭޖްގެ ތެރޭގައި ހިމެނެ އެވެ.

މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުރުމުއްދަތާއި ދިގުމުއްދަތުގެ ޓްރާންސިޓު ޓޫރިސްޓުންނާއި، ދެވަނަ މަންޒިލަކަށް ދަތުރުކުރާ ނުވަތަ ޑުއަލް ޑެސްޓިނޭޝަން ޓޫރިސްޓުުންނަކީ ޓޫރިޒަމަށް ވަރަށް މުހިންމު މާރކެޓެއްކަމަށެވެ. ދުބާއީ ސިންގަޕޫރު އެއީ މިކަމުގެ މިސާލެއްކަމަށެވެ.

އެމާރކެޓުގެ ޓޫރިޒަމްވެސް ކުރިއަށްގެންދަންވާނީ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ ނާރާނެހެންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގެ ހުރިހާ ބައިވެރިން ނުހަނު ޒިންމާދާރުކަމާއެކީ އެދަނީ ދުނިޔެއަށް ނަމޫނާ ދައްކަމުންކަމަށެެވެ.

ރެކޯޑު އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އިންޑިއިން ޓޫރިސްޓު ވިސާގައި ނޫން ގޮތަކަށް ރާއްޖެ އަންނަ އެންމެން ކަރަންޓީންވާންޖެހެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުންއިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެގޮތުން އެގައުމުން މިއަހަރުގެ މިހާތަނަށް 83،289 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.