ކަޒަކްސްތާނު މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް ކަޒަކްސްތާންގެ ގައުމީ އެއާލައިން ކަމުގައިވާ އެއަރ އަސްތާނާއާއި ގުޅިގެން ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިންގެ މަގުސަދަކީ ދިވެހި ރާއްޖޭގެ ރީތި ނަން ކަޒަކް މާކެޓުގައި ދަމަހައްޓައި، ރާއްޖެއަކީ ފަތުރުވެރިން ޝައުގުވެރިވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމުގައެވެ.

މި ކެމްޕެއިނުގައި ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމަރުންނަށް ޚާއްސަކޮށް ހަރަކާތްތަކެއް ހިންގޭނެކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސްއިން ބުނީ މި ހަރަކާތްތަކުގެ ތެރޭގައި ފެމިލިއަރައިޒޭޝަން އެމްބިއެންޓް އައުޓްޑޯރ ކެމްޕެއިނާއި ރޭޑިއޯ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުންވެސް ހިމެނޭ ކަމަށެވެ.

މި ކެމްޕެއިންގެ ފުރަތަމަ ހަރަކާތް މިމަހުގެ 21 ވަނަ ދުވަހު ބާއްވާފައިވާއިރު، ދިވެހި ރާއްޖެއަށް ކަޒަކްސްތާންގެ ޓްރެވެލް އެޖެންޓުންވަނީ ޒިޔާރަތްކޮށްފައެވެ. ޓްރެވަލް އޭޖެންޓުންގެ ދެވަނަ ޓީމެއް މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ އެއަރ އަސްތަނާއިން ދަތުރެއްކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މިދަތުރު ވެގެންދިޔައީ ދިވެހިރާއްޖެއާއި ކަޒަކްސްތާނާއި ދެމެދު ދަތުރުފަތުރުކުރުމުގެ ގުޅުން ބަދަހިކުރުމާއި ދިވެހި ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރުމަށް ފްލައިޓް ކަނެކްޓިވިޓީއިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ވިޒިޓް މޯލްޑިވްސް ވަނީ އައަރ އަސްތަނާގެ ފުރަތަމަ ފްލައިޓްތައް ދިވެހި ރާއްޖެއަށްދަތުރުކުރުމާއި ގުޅިގެން ޓްރެވެލް އެޖެންޓުންނަށް ހާއްސަކޮށް ވެބިނަރއެއް ކުރިއަށްގެންގޮސްފައެވެ. އަދި މި ސެޝަންގައި ދިވެހި ރާއްޖެއާއި ބެހޭ އެންމެ ފަހުގެމައުލޫމާތާއި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދަތުރުފަތުރުކުމަށް އަޅާފައިވާ ފިޔަވަޅުތަށް ހިއްސާކޮށްފައިވެއެވެ.

ކަޒަކްސްތާނުން ޑައިރެކްޓް ފްލައިޓުތައް ދިވެހި ރާއްޖެއަށް ދަތުރުކުރަން ފެށުމާ ގުޅިގެން ކަޒަކްސްތާން މާކެޓް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަށް 5 ވަނައެންމެ ބޮޑު ސޯސްމާކެޓަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ކަޒަކްސްތާންގެ މާކެޓުން 14،567 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން ޖުމްލަ 354،261 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.