ރަޝިއާގެ އެންމެ ކުރިއަރާފައިވާ ލަގްޝަރީ ޓްރެވެލް ޓްރޭޑް ފެއާރ ކަމުގައިވާ "ލަގްޝަރީ ޓްރެވެލް މާޓް 2021" ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

މިފެއާ ކުރިއަށްގެންގޮސްފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި މިމަހުގެ 22 އިން 23 ގެ ނިޔަލަށެވެ. މި ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ ރަޝިއާ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ ހިތްގައިމު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި އިޝްތިހާރުކުރުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައެވެ.

މި ފެއާގެ ތެރެއިން އެންމެ މުހިންމު ލަގްޝަރީ ޓްރެވަލް ޓްރޭޑްގެ ފަރާތްތަކާ ބައްދަލުކޮށް ރާއްޖޭގެ ޕްރޮޑަކްޓްތަކާއި، ރާއްޖޭގައި ކުރެވޭ ތަޖުރިބާތަކާ ބެހޭ އެންމެ ފަހުގެ މައުލުމާތުތައް ހިއްސާކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކާއި، ޤުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ވަންތަކަމާއި "ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް" އަށް އަލިއަޅުވާލައި ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވުނުކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.

މި ފެއާއަކީ ފައިވް-ސްޓަރ ހޮޓެލްތަކާއި، ރިސޯޓްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި އަދި ލަގްޝަރީ ޓްރެވެލް އޭޖެންޓުން ބައިވެރިވި ފެއާއެކެވެ.

ރަޝިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރު މިހާތަނަށް ކުރިއައް ގެންގޮސްފައެވެ. މީގެތެރޭގައި ދެ މިޑިއާޝޫޓް ހިމެނެއެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑިވްސްއިން ވަނީރަޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ޝޯ ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ފެއާ ގައި ބައިވެރިވެފައެވެ. މީގެ އިތުރުން ރަޝިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ރަޝިއާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ރޯޑްޝޯތައް ވެސް ބާއްވާފައެވެ.