ދުނިޔޭގެ ރީތިކަމަކީ ހަގީގަތުގައިވެސް އިންސާނަކު އާށޯހުކޮށްލުވާފަދަ ރީތިކަމެކެވެ. އެކިކުލައިގެ ގަސްގަހާގެއްސާއި، ކަނޑުއަޑީގެ ރީތި މަންޒަރުތަކުގެ އިތުރުން ދޮންވެލި ތުނޑިޔާއި ކުރިއަރަމުން މިދާ ޒަމާނުގައި ތަރައްގީވެފައިވާ ރަށްތަކުގެ ރީތިކަމަކީވެސް ފާހަގަކޮށްލެވޭ ތަންތަނެވެ.

މީގެތެރޭގައި ޗައިނާގެ އަޖައިބުކުރުވަނިވި ކުލަގަދަ ފަރުބަދަތަކަކީ ގުދުރަތުގެ ރީތިކަން އިންސާނުންނަށް ދައްކައިދިން ރީތި މަންޒިލެކެވެ.

ޑަންކްސިއާ ނަމަކަށް ކިޔުނު މި ލޭންޑްފޯމަކީ ޗައިނާގެ ބޮޑު ސަރަހަައްދެއްގައި ހުރި ރީތި ފަރުބަދަތަކަކަށް ހާއްސަ ކޮށްފައިވާ ނަމެކެވެ. ރަތްކުލައާއި އަދިވެސް އެހެނިހެން ރީތި ހިތްގައިމު ކުލަތަށް އެކުލެވޭ މިފަރުބަދަތަކުގެ ކުލަތަށް އެއްނުވެ ރޮނގުތަކެއްހެން ދެމިހުރެއެވެ. އަދި ފަރުބަދަތަކުން މައިގަނޑު ގޮތެއްގައި ދައްކައިދެނީ ރަތްކުލައިގެ އެކި ޝޭޑްތަކެވެ.

މީގެއިތުރުން އިރުގެ އަލިކަމާއި އަލިކަން ދައުރުވާ އޭންގަލްތަކާއި ދިމާކޮށް ފަރުބަދަތަކުގެ ކުލަގަދަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ނަތީޖާއެއްގެ ގޮތުން ރެއިންބޯއެއްގެ މިސާލު ދައްކުވައިދެއެވެ.

ޗައިނާގެ ގަންސޫ ޕްރޮވިންސްގެ 200 އަކަ މޭލުގެ ސަރަހައްދެއްގައި މި ފަރުބަދަތައް ހުންނައިރު، މިފަދަ ތަފާތު ފަރުބަދަތަކެއް ހުރުމުގެ ސަބަބާއިމެދު ގިނަ މީހުންގެ މެދުގައި މަޝްވަރާތަކެއް ކުރެވެއެވެ.

އެގޮތުން އެރަށުގެ ގިނަ ބަޔަކު ބުނަނީ އެ ފަރުބަދަތައް އެތަނުގައި ހުރުމުގެ އެތަށްހާސް އަހަރުތަކެއް ކުރިން އެއީ ބޮޑު ކޯރެއް އޮތް ދިމާލެއް ކަމަށެވެ. އެކޯރު ހިކުމާއި ގުޅިގެން އެތަށް އަހަރުތަކެއް ވޭތުވެގޮސް ކަނޑުގެ މުރަކަތަކާއި އެހެނިހެން ތަކެތީގެ ކުލަތަކަކީ މިހާރު އެ ފަރުބަދައިން ފެންނަމުންދާ ކުލަތަކުގެ އަސްލުކަމަށެވެ. މިއީ ކައިރި ފަރުބަދައަކުން ރަތްކުލައިގެ ގާތައް ހަލާކުވެ ވެއްޔަށްވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށްވެސް ބައެއް ޗައިނާ މީހުން ގަބޫލުކުރެއެވެ.

އިހުޒަމާނުގައި ޗައިނާގައި ދިރިއުޅުނު މީހުން ވަނީ މި ފަރުބަދަތަކުގެ ތެރެއިން ދަތުރުކުރުމަށް މަގު އަޅާފައެވެ. މިހާރު މި މަގުތަކަކީ އެގައުމުގައި ފަތުރުވެރިންނަށާއި ރަށު ރައްޔިތުން ބަލާލުމަށް ހިތްގައިމު ޖަންގްޖޭ ނެޝަނަލް ޖިއޯ ޕާކެވެ.

މި ފަރުބަދަތަކުގެ ރީތިކަމާއި ހިތްގައިމުކަން ފާހަގަކޮށް މިތަނަކީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެގޮތުން ވަނީ ފާހަގަވެފައެވެ. އަދި މީސްމީޑިޔާއިންވެސް ވަނީ މިފަރުބަދަތަކަކީ ޗައިނާގައި ހުރި އެންމެ ރީތި އެއް މަންޒިލްކަމަށް ފާހަގަކޮށްފައެވެ.