ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ނިޒާމަކީ ތަފާތު މަސްހުނި ނިޒާމެކެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ގާނޫނުއަސާސީގެ 107، 108، 109، 110، 111 ގެ ދަށުން އޮންނަނީ ރިޔާސީ ނިޒާމުގެ ސިފަތަކެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ވަޒީރުން، ރައީސްގެ ރުހުންނެތި ވަކިކުރުމުގެ ބާރު މަޖުލީހަށް ދެވިފައިވެއެވެ.

މިއީ ބަރުލަމާނީގެ ސިފައެކެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން މިރާއްޖޭގައި އޮންނަނީ ކޮން ނިޒާމެއްކަން ސާފުކޮށް އެނގޭކަށް ނެތެވެ. އެއީ ރިޔާސީ ނިޒާމުތޯ ބަރުލަމާނީތޯ ސާފުކޮށް ލިޔެފައި ނެތްކަން ފާހަގަކުރަމެވެ. އެކަން ސާފުކޮށް ހިމަނާފައި އޮންނަންޖެހޭ މާއްދާއަކީ ގާނޫނުއަސާސީގެ 2 ވަނަ މާއްދާކަން ފާހަގަކުރަމެވެ. އެމާއްދާގައި ރިޔާސީ ނިޒާމަށް ވަކާލާތުކުރެވޭ އިބާރާތެއްގެ ގޮތުގައި އޮތީ، ޔުނިޓަކީ ދައުލަތެކެވެ. މިހެންނެވެ.

މިރާއްޖޭގެ ރައްޔިތުންނަށް ނޭނގި ނަމަވެސް އެބައިމީހުންގެ ވިސްނުންތައް ތަބައުވެވިފައިވަނީ ބަރުލަމާނީ ސިފަތަކާއި ދިމާއަށެވެ. ކޮންމެ ރައްޔިތަކުވެސް ކަމެއް ބޮޑުވެއްޖެނަމަ އެދާއިރާއެއްގެ މަޖުލީސް މެންބަރާއި ދިމާއަށް ނަޒަރު ހުއްޓޭތަން އާދެއެވެ. ގާނޫނުގެ ތެރެއިން ކަންކަމަށް އެދުމާއި، ގާނޫނުން ބޭރުން ކަންކަން ކޮށްދިނުމަށް އެބައިމީހުން ގާތުން އެދެމުން އާދެއެވެ. އެއީ އެކަން ވިޔަސް ނުވިޔަސްމެއެވެ.

މީހަކު ހައްޔަރުކުރިކަމުގައި ވިޔަސް، ވަޒީފާއަކަށް އެދުނުކަމުގައި ވިޔަސް، ބޭސްފަރުވާގެ ހަރަދުތައްކަމަށް ވިޔަސް މިކަން ހިނގަނީ ހަމަ މިހެންނެވެ. ބަރުލަމާނީ ނިޒާމުގައި ނަނގާކިޔާނީ މަޖުލީހުގެ މެންބަރުންނެވެ. ވެރިކަމުގެ ބާރުތައް ޖަމައުވެފައި އޮންނާނީ މަޖުލީހުގެ ފާރުތަކުގެ ތެރެއަށެވެ. ގައުމު ހިންގާނީ މަޖުލީހުގެ ހަފޮޅުގެ ތެރޭގައެވެ. ފަހުބަސް ބުނަމުން ގޮތް ނިންމަމުންދާނީ އެބައި މީހުންނެވެ.

މިހާރު ހިނގަމުން މިދާ ދައުރުގެ ރައްޔިތުން މަޖުލީހުގެ މެންބަރުން އެބައިމީހުން މަޖުލީހުގެ ކެންޕެއިންގައި ވެސް އަމަލުކޮށްފައިވަނީ ނޭނގި ނަމަވެސް ބަރުލަމާނީ ސިފައަށެވެ. އެގޮތުން އެދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ ފަޅާއި ނަރުދަމާއާއި، ބޯޅަދަނޑާއި، ބޯފެނާއި، އަދި އެނޫންވެސް އުމްރާނީ ތަރައްގީތައް ގެނެސްދިނުމަށް ވަދުވަމުން އަންނަކަން ފާހަގަކުރަމެވެ. މިއީ ރިޔާސީ ނިޒާމެއްގައި މަޖުލީހުގެ މެންބަރަކަށް ވެވޭނެ ވައުދެއް ނޫނެވެ. މިއީ ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގާ ބާރުން ކޮށްދޭންޖެހޭ ކަންކަމެވެ.

މިކަންކަން ކަމަކީ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކޮށްދިނުން ދައުލަތަށް ލާޒިމުކޮށްފައިވާ ކަންކަމެވެ. ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. މަޖުލީހުގެ މެންބަރުންގެ ޒިންމާގެ ތެރޭގައި ރަށްރަށުގައި ފެނާއި ބޯޅަދަނޑު އެޅުމާއި، ނަރުދަމާއާއި ފަޅު ހެދުމަށް ވައުދުވުމާއި، އެކަން ފުއްދުން ނުހިމެނެއެވެ. މެންބަރުންގެ ގާނޫނީ ޒިންމާއަކީ ގާނޫނުގެ 70 ވަނަ މާއްދާއާއި 75 ވަނަ މާއްދާގެ ދަށުން މުޅިން އެހެންކަންކަމެކެވެ. ބަޔާންވެގެންވާ ގޮތަށް މަޖުލީހުގެ މެންބަރަކު ވައުދެއްވާނަމަ އެކަން އެއީ ރިޝްވަތުގެ ގޮތުގައި މާނަކުރުމުގެ ފުރުސަތު ގާނޫނުގެ ތެރެއިން ރިޔާސީ ނިޒާމެއްގައި އޮންނާނެއެވެ.

އަދި ވޯޓަށް ނުފޫޒުފޯރުވުމާއި، ސަހުސު އޮޅުވާލުމުގެ ސިފަވެސް އެކުލެވިގެންވެއެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމެއްގައި މިކަން ބަދަލުވެގެން ދެއެވެ. ދިވެހިރާއްޖޭގައި އޮންނަ ގާނޫނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންކަމުގައި ވާނަމަ އެކަން ކުރެވޭނީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްކަން ފާހަގަކުރަމެވެ. އަދި އެކަމަށް މަޖުލީހުގެ 4 ބައިކުޅަ 3 ބައި މެންބަރުންގެ ވޯޓުވެސް ބޭނުންވާނެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރާކަމުގައިވާނަމަ ސީދާ ރައްޔިތުންގެ ބަސް ގާނޫނުއަސާސީއިން ލާޒިމުނުކުރެއެވެ. ރައްޔިތުންގެ ބަސް ހޯދުމަށް ލާޒިމުކޮށްފައިވަނީ 4 ކަމެއްގެ މައްޗަށެވެ. ފުރަތަމަކަމަކީ އަސާސީ ހައްޤަކަށް ބަދަލުގެނައުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖުލީހުގެ އުމުރަށް ބަދަލުގެނައުމެވެ. ތިންވަނަކަމަކީ ރިޔާސީ ދައުރަށް ބަދަލުގެނައުމެވެ. ހަތަރުވަނަކަމަކީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ބަދަލުގެނައުމެވެ.

ނިޒާމު ބަދަލުކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ބަދަލު އަންނަކަމުގައިވާނަމަ އެކަމުގައި ރައްޔިތުންގެ ބަސް ހޯދުން ލާޒިމުވެއެވެ. ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ބަސް ހޯދަންޖެހޭ ގޮތަށް ލިޔެފައި ނެތްކަމުގައި ވިޔަސް މިކަމުގައި އެންމެ ރަނގަޅު ދުސްތޫރީ ހަމައަކީ ރައްޔިތުންގެ ބަސް ހޯދުމުގެ އާންމު ވޯޓަކަށް ދިޔުމެވެ. އެއީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންކަމަށް ސާފުކޮށް ބުނެދީފައިވާތީއެވެ.

ބަރުލަމާނީ ނިޒާމައަކަށް ބަދަލުގެންނަ ކަމުގައި ވާނަމަ މުޅި ރާއްޖެއެއްކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ޖެހޭކަމަށް ދެކެމެވެ. ހަމައެކަނި ވެރިކަން ހިންގާ ފަރާތްތައް ބަރުލަމާނީ ވެގެން ނިޒާމު ފުރިހަމައަށް ނުވާނެއެވެ. މުޅި ރާއްޖެ ބަރުލަމާނީކުރުމުގެ މާނައަކީ ބަރުލަމާނީ ގޮތުން އައު ރައްޔިތުންގެ މަޖުލީހެއްވެސް އިންތިހާބުކުރުމާއި، ރައްޔިތުންގެ ވޯޓުން އިންތިހާބުކުރަންޖެހޭ އެހެން މަގާމުތަކަށްވެސް މީހުން އަލުން އިންތިހާބުކޮށްގެން ގެނައުމެވެ.

އެހެންނޫންކަމުގައި ވާނަމަ އަނެއްކާވެސް އޮންނާނީ މަސްހުނި ނިޒާމެކެވެ. ނިޒާމު ސާފެއްނުވާނެއެވެ. އެއްބަޔަކު ބަރުލަމާނީ ވެފައި އަނެއްބަޔަކު ކުރީގެ ގޮތްތަކުގައި ތިބީމައި މިކަމުގައި ވާންވީ ގޮތެއް ސާފެއްނުވާނެއެވެ. އަދި ވެފައިއޮތް ގޮތެއްވެސް ސާފެއް ނުވާނެއެވެ. އެކަންކަން ސާފުނުވުމުގެ ނަތީޖާއަކީ އުފަންވުމުގައި ލޯފަން މީހަކަށް ހުދުކުލަ ބުނެދިނުމަށް މާކަނާގައި ހުންނައަކީ އެއީ ކަމަށް ބުނެ މިސާލު ދެއްކުމެވެ. ލޯފަން މީހަކަށް މާކަނާގައި ހުންނަ ކުލައެއްވެސް ނޭނގެއެވެ.