90 ގެ އަހަރުތަކުގެ ތެރޭގައި ވިދާލި ކާމިޔާބު މިއުޒިކު ޑުއޯ ނަދީމް-ޝަރްވަންގެ އެއް ބައިވެރިއެއް ކަމަށްވާ ޝްރަވަން ރާތޯޅް މަރުވެއްޖެއެވެ.

ޝްރަވަން މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޝްރަވަން މަރުވެފައިވަނީ މިދިޔަ ހަފްތާގެތެރޭ އޭނާއަށް ކޮވިޑް-19 ޖެހި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވަނިކޮށެވެ.

ޝްރަވަން މަރުވިއިރު އަންހެނުންނާއި ފިރިހެން ދަރިފުޅުވެސްވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އެހެންވެ ދެމީހުންނަށްވެސް ޝްރަވަންގެ ޖަނާޒާގައި ބައިވެރިވުމުގެ ހުއްދައެއް ނުލިބުނެވެ.

90 ގެ އަހަރުތަކުގެތެރޭގައި ކާމިޔާބު ރީތި ލަވަތަކެއް ކޮމްޕޯސްކޮށްފައިވާ ޝްރަވަން މިއުޒިކް ހެދުމުގެ މަސައްކަތް ކުރަމުންދިޔައީ ނަދީމު ސައިފީއާ ގުޅިގެންނެވެ. އެއަށްފަހު އެދެމީހުން މަޝްހޫރުވެގެންދިޔައީ ނަދީމް-ޝްރަވަންގެ ނަމުންނެވެ.

މިޑުއޯގެ އެންމެ ކާމިޔާބު ލަވަތަކުގެތެރޭގައި މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ ހިތުން ފިލައިގެން ނުދާ ލޯބީގެ ފިލްމު "އާޝިޤީ" ގެ ލަވަތައް ހިމެނެއެވެ. މީގެއިތުރުން ފިލްމު "ސާޖަން"، ޕޫލް އޯރް ކާންޓޭ"، "ދީވާނާ" އަދި ފިލްމު "ދިލްކާ ކިޔާ ކުސޫރު"ގެ ލަވަތަކަކީ މިއަދާ ހަމައަށްވެސް ގިނަ ބަޔަކަށް ރީތި ލަވަތަކެކެވެ.

ޝްރަވަންގެ މަރާއެކު ބޮލީވުޑްގައި މަސައްކަތް ކުރާ ލަވަކިއުންތެރިންގެ އިތުރުން ފިލްމީ އެކްޓަރުންވެސްދަނީ އާއިލާއަށް ތައުޒިއްޔާގެ މެސެޖް ފޮނުވަމުންނެވެ.

ޝްރަވަން މަރުވުމާ ގުޅިގެން އެންމެބޮޑު ފުން ހިތާމައެއް ލިބިފައިވަނީ އޭނާގެ އަނެއް ބައިވެރިޔާ ނަދީމްއަށެވެ. ނަދީމް ބުނެފައިވާގޮތުގައި އުމުރުގެ ބޮޑުބައި ދެމީހުން އެކީގައި ހޭދަކޮށްފައިވާއިރު އެކުވެރިޔާގެ ކުއްލި މަރާއެކު އޭނާ ވަރަށްބޮޑަށް ހިތާމަކުރާ ކަމަށެވެ.

ނަދީމް އާއި ޝްރަވަންގެ މިއުޒިކީ ހަޔާތަށް ނިމުން އައީ ޓީ-ސީރީޒްގެ ފައުންޑަރ ގުލްޝަން ކުމާރު މަރާލުމާ ގުޅިގެން އެހާދިސާގައި ނަދީމްގެ އަތެއްވާކަމަށް ކުރެވުނު ތުހުމަތުތަކާއެކު ނަދީމް ކުއްލިގޮތަކަށް އޭނާގެ ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށްލުމާ ގުޅިގެންނެވެ.

2001 ވަނަ އަހަރު އިންޑިއާއިން ލަންޑަންގެ ހައިކޯޓުގައި ނަދީމްގެ މައްޗަށްކުރި ދައުވާ ސާބިތުވެފައި ނެތުމުން އެމައްސަލަވަނީ ކުރިއަށް ގެންދެވޭގޮތެއް ނުވެފައެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ ޔޫއޭއީގެ ޑުބާއީގައެވެ.

ނަދީމްއާއި ވަކިން ޝްރަވްން ފަހުން ބައެއް ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދީފައި ވެއެވެ. އެހެންނަމަވެސް އޭނާގެ އެކުވެރިޔާ ނަދީމްއާއެކު އުފެއްދި ކަހަލަ ހިތްގައިމުކަމެއް އެލަވަތަކުގައި ނެތެވެ.