ގެއްލިގެން ހޯދަމުންދާ އިންޑޮނޭޝިޔާގެ އަސްކަރީ ސަބްމެރިން އޮތްތަން ފެނިއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިންޑޮނޭޝިޔާ ސިފައިންގެ ވެރިޔާ، އެއަރ މާޝަލް ހާދީ ޖަހްޖާންޓޯއެވެ.

ސްކޭން ކޮށްގެން ބެލިއިރު ސަބްމެރިން އޮތީ ކަނޑުގެ 850 މީޓަރު އަޑީގައެވެ.

ސަބްމެރިން އޮތް ސަރަހައްދު ހޯދުނުއިރު، ސަބްމެރިންގައި ބޭނުންކުރާ ބައެއް ތަކެތި ކަނޑުމަތީގެ އެކި ހިސާބުތަކުން ފެނިފައިވާ ކަމަށްވެސް ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫދޯ މާރގޯނީ ވިދާޅުވެފައި ވެއެވެ. މިތަކެއްޗަކީ ބޮޑު މައްސަލައެއް ދިމާވެގެން ނޫނީ، ސަބްމެރިންއިން ބޭރުވާނެ ޒާތުގެ ތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްކަރީ ސަބްމެރިން ގެއްލުނު އިރު އޭގައި 53 މީހުން ތިއްބެވެ.

ސަބްމެރިން އޮތްތަން ފެނުނު ނަމަވެސް، އޭގައި ތިބި އެއްވެސް މީހަކު ދިރިހުރެދާނެ ކަމުގެ އުންމީދު މިހާރުވަނީ ފަނޑުވެފައެވެ. ސަބަބަކީ، ސަބްމެރިންގެ އޮކްސިޖަން ރިޒާވް މިއަދު ހުސްވެފައިވާތީއެވެ.

އެހެން ނަމަވެސް، އިންޑޮނޭޝިޔާގެ ކަމާބެހޭ ޓީމުތަކުން މިހާރު ގެންދަނީ ސަބްމެރިން އޮތް ސަރަހައްދަށް ފީނައި، ދިރިހުރި މީހަކު ހުރިތޯ ބެލުމަށް ތައްޔާރުވަމުންނެވެ.

ގެއްލިގެން ހޯދަމުންދިޔަ ސަބްމެރިންއަކީ އިންޑޮނޭޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރާ 5 ސަބްމެރިންގެ ތެރެއިން އެކައްޗެވެ. މި ސަބްމެރިން މިދިޔަ ބުދަދުވަހު ވީނުވީއެއް ނޭނގި ގެއްލުނީ، އިންޑޮނޭޝިޔާގެ ބާލީ ކައިރީގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއްގައި އުޅެނިކޮށެވެ.