(15 އޭޕްރީލް 2021 އާ ގުޅޭ)

*****

އޭގެ ދެ ހަފްތާ ފަހެވެ. އެއްރެއަކު އަހަރެން ނިދާފައި އޮވެފައި ސިއްސައިގެން ހޭލެވުނީ ނަޝާ އަހަރެންނަށް ގޮވާލުމުންނެވެ. އެވަގުތު އަހަރެން ވަރަށް ބާރަށް ނަޝާއޭ ކިޔާ ގޮވާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމަ އެކަނި އޮތީ އަހަރެންގެ ދަރިފުޅާއި އަންހެނުންނެވެ. އަހަރެން ސިއްސައިގެން ދިޔައީ ގުމްރީ ތެދުވެ އަހަރެންނާއި ދިމާލަށް ބަލަން އިނުމުންނެވެ. އަހަރެން އެކައްޗެކޭވެސް ނުބުނެ އަނެއްކާވެސް އަރާ އޮށޯއޮތީމެވެ. އިސާހިތަކު ނިދިއްޖެއެވެ. އަހަރެން ހީކުރީ ހެނދުނު ތެދުވެ ގުމްރީ އެކަމާއި ބެހޭގޮތުން ސުވާލު ކުރާނެކަމަށެވެ. ނަމަވެސް ގުމްރީގެ ފަރާތުން އެފަދަ އެއްވެސް ސުވާލެއް ނުކުރެއެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންގެ މިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެންގެ އުޅުމާއި ބެހޭގޮތުން ގުމްރީ ސުވާލެއް ކުރިއަސް އަހަރެންނަށް ރުޅި އާދެވެއެވެ. އެކަމަކު ގުމްރީއަކަށް އަނިޔާއެއް ނުކުރަމެވެ. ނަމަވެސް މިކަމާ ގުމްރީ ރޮއެ ހިތަމަ ކުރާކަން އަހަރެންނަށް އެނގެއެވެ. ކެއުމާއި ދުރުވެ މާޔޫސްވެއެވެ. ގުމްރީ އެ ހިތާމަތައް ފޮރުވަން ކިތަންމެ ވަރަކަށް އުޅުނަސް ގުމްރީގެ ލޮލުން އެކަން އަހަރެންނަށް އެނގެއެވެ. އެކަމާވެސް އަހަރެން އަންނަނީ ރުޅިއެވެ. އަދި ގުމްރީ މިގޮތަށް ހިތާމަކުރާތަން ފެނުމުން ފަހަކަށް އައިސް އަހަރެންނަށް ސާފިއުއޭ ކިޔައިގެންް ގުމްރީއާއި އަޅުވާވެސް ކިޔެއެވެ. މިކަމާ ގުމްރީ ވަރަށް ދެރަވެއެވެ. އަދި އެކަހަލަ ގުޅުމެއް ނޯންނާނެ ކަމަށް ބުނަމުން ދެއެވެ. މިއީ އަހަރެންގެ ދިރިއުޅުމެވެ.

މިގޮތުގައި ދުވަސްތައްް ގުނަމުން ދެއެވެ. އަހަރެންނާއި ނަޝާގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު ހައިރާންވާ ކަމަކީ ނަޝާއާއި ދުވާލު ބައްދަލުކުރަން އެދުނަސް އެކަމާ ނަޝާ ދެކޮޅުހަދާ ކަމެވެ. ރޭގަނޑުގެ ކަޅު އަދިރީގައި ނޫނީ ބައްދަލެއް ނުވެއެވެ. އެހެންކަމުން އަހަރެންނަށް ނަޝާދެކެ އިންތިހާއަށް ރުޅި އަންނަން ފެށުނެވެ. އަދި ރައްޓެހިވެގެން މިގޮތަށް އުޅެން ބޭނުން ނުވާކަމަށް ބުނުމުން އަހަރެންނާއި ދުވަހަކުވެސް ވަކި ނުވެވޭނެ ކަމަށާއި، ވަކި ވެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލާނެ ކަމަށްބުނެ ނަޝާ އަހަރެންނަށް އިންޒާރު ދިނެވެ. އަދި އަހަރެންދެކެ ނަޝާ ވަރަށް ލޯބިވާކަމަށާއި، ތިނޫން މީހަކާއެކު ނޫޅެވޭނެކަމަށް ބުނަންފެށިއެވެ.

ނަމަވެސް އެރޭގެ ފަހުން އަހަރެން އަތިރި މައްޗަށް ދިއުން އެއްކޮށް ހުއްޓާލީމެވެ. އެއީ ނަޝާ ދެކެ އަންނަ ރުޅީގައެވެ. އެހެންނަމަވެސް ދެން ވާންފެށީ އެހެންކަމެކެވެ. އިރުއޮއްސޭ ދަޅަމައްޗަށް އަހަރެންގެ އަތްފައި ފިނިވެ ހެޔަށް ގޮތް ވަނީއެވެ. އަދި ހަމަޔަކަށް އެޅޭ ކޮންމެ ފަހަރަކު ގުމްރީ އާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ހިތުގައި ޖެއްސެނީއެވެ. އަހަރެންނަކީ މޮޔައެއް ފަދައެވެ. އަހަރެން ބައެއް ރޭރޭ ބުއްދި ގޯސްވެގެން ހަޅޭއްލަވަން ފެށުމުން ދަރިފުޅު ބިރުން ރޯން ފަށައެވެ. މިކަމާ ގުމްރީ ހުންނަނީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ނަމަވެސް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ ގުމްރީގެ ދުވަސް ދުއްވާލާނެ ވާހަކަ ނަޝާ ވަނީ އަހަރެންގެ ގާތު ބުނެފައެވެ. އެހެންކަމުން އަހަރެންނަށް މިވާގޮތް އެއްވެސް މީހެއްގެ ގާތު ނުބުނުމަށް ގުމްރީއަށް އިންޒާރު ދިނީމެވެ. މިއީ ޖިންނިއެއްގެ ކަންތައް ގަނޑުކަން ހުދު ގުމްރީއަށްވެސް އެނގެއެވެ. ނަމަވެސް މިގޮތުގައި ގުމްރީއަކަށް މާގިނަ ދުވަހަކު ކެތެއް ނުކުރެވުނެވެ. އެންމެފަހުން ގުމްރީ އަހަރެންނަށް ސިއްރުން މިކަން ގުމްރީގެ ބޮޑުބެ މެންނަށް އެންގިއެވެ.

މިގޮތުން އެއްދުވަހަކު އިރުއޮއްސޭ ދަޅަ މައްޗަށް ރަށުގައި ފަންޑިތަހަދާ މީހަކު ގޮވައިގެން ބޮޑުބެ ގެއަށް އައެވެ. އޭރު އަހަރެންގެ އަތްފައި އޮތީ ވާން ވެފައެވެ. ދެލޯ އޮތީ ބޮޑުވެފައެވެ. ކައރީގައި އަހަރެންގެ ދަރިފުޅު އުނގުމައްޗައްލައިގެން ގުމްރީ ގިސްލަ ގިސްލާފައި ރޯން އިނެވެ. އަހަރެންނަށް ގުމްރީގެ ރުއިމުގެ އަޑުއިވެއެވެ. ނަމަވެސް އަހަރެންނަކަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. ވާހަކައެއް ނުދެއްކެއެވެ. އެހެންކަމުން ބޮޑުބެމެން ގެނައި ފަންޑިތަ ހަދާމީހާ އަހަރެންގެ ނިއްކުރީގައި ހިފަހައްޓައިގެންހުރެ ފެންތައްޓެއް ކިޔެވުމަށްފަހު އަހަރެންގެ ގައިގައި އުގުޅުމުން އަހަރެންނަށް ހޭވެރިކަން ވިއެވެ. އަދި އަވަހަށް ކޮޅަށްތެދުވީމެވެ. އޭރު އަހަރެންގެ ގައިގައި ކުރިން ހިފާފައި ހުރި ބާރު ގަނޑު ވަނީ ފިލައި ގޮއްސައެވެ.

އަހަރެންނަށް ހޭވެރިކަން ވުމުން ފަންޑިތަހަދާ މީހާ ބުންޏެވެ. މާދަންރޭ އަންނާނަމެވެ. ތިހުރީ ޖިންނިއެއް އަވަލާފައެވެ. އަންހެން ޖިންނިއެކެވެ. މިހެން ބުނެ ބޮޑުބެމެން ގެއިން ނިކުމެގެން ހިނގައްޖެއެވެ. އަހަރެންނަށް ދިމާވި މިކަންތައްގަނޑު ގުމްރީއަށް އެނގުމުން ވަރަށް ރޮއެ ހިތާމަކުރިއެވެ. އަދި ނަމާދުކުރުމަށާއި ދުއާކުރުމަށް އަހަރެންގާތު ބުނަމުން ދިޔައެވެ. ނަމަވެސް އޭރުވެސް ގުމްރީ އެ ދައްކަ އެއްވެސް ވާހަކަ އަކަށް އަހަރެންނަކަށް އިޖާބައެއް ނުދެވުނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ އަހަރެންގެ ދަރިފުޅު ރޯ އަޑަށެވެ. އޭރުވެސް ގުމްރީ ނިދާފައި އޮތެވެ. އަހަރެންގެ ހިތަށް އެރިއެވެ. ގުމްރީއަށް މިއަޑު ނީވެނީ ބާވައެވެ. އެހެން ނޫނީ ގުމްރީ ކޮންމެ ދުވަހަކު ހެނދުނު ތެދުވެގެން ގޭދޮށް ކުނިކަހަން އުޅޭނެއެވެ. އެހެންކަމުން އަހަރެން ގުމްރީއަށް ގޮވާލީމެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް ގުމްރީގެ ހަބަރެއް ނުވުމުން އަހަރެން ގުމްރީ އަތުގައި ހިފާލީމެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ގުމްރީ ނަގާ ކޮޅަށް ޖެހޭތޯ ބެލީމެވެ. ނަމަވެސް ގުމްރީ އޮތީ މަރުވެ ހަރުވެފައެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ދަރިފުޅު ގޮވައިގެން ދުވެފައި ގޮސް ބޮޑުބެ މެންނަށް މިކަން އެންގީމެވެ. ތަންގަނޑު އެންމެން ގޭދޮށަށް އެއްވެއްޖެއެވެ. އަހަރެންގެ ގުމްރީ މިދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅު އެކަނި ކޮށްފައެވެ. ކުރާނެކަމެއް ނެތެވެ. ދެންއޮތީ އަހަރެންނަށް ދިމާވެފައި އޮތް މުސީބާތުން ސަލާމަތްވުމެވެ.

ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ދުވަހުގެ މެންދުރު ނަމާދުން ފައިބައިގެން ގުމްރީ ރަށުގެ ސަހަރާގައި ވަޅުލެވިއްޖެއެވެ. އަހަރެންގެ މައިންބަފައިންނާއި ރައްޓެހިން އަހަރެންނަށް ހިތްވަރު ދެމުން ދިޔައެވެ. ނަމަވެސް މިއަދު ގުމްރީ ނެތުމުން އަހަރެންގެ މިދަރިފުޅަށް ކުރާނީ ކޮންފަދަ އިހްސާސެއް ހެއްޔެވެ. ނަމަވެސް އަހަރެން އުޅެން ބޭނުންވަނީ ހަމަ ގުމްރީގެ ގޭގައެވެ.

ގުމްރީ ނިޔާވިތާ ތިން ވަނައަށްވީ ދުވަހެވެ. ފަންޑިތަހަދާ މީހާ އައިސް ތިން ރޭ ވަންދެން ކިޔެވުމަށްފަހު އެ ޖިންނި ޝައިތާނާގެ ކިބައިން އަހަރެން ސަލާމަތްކޮށްފިއެވެ. އަދި ނަމާދުކުރުމާއި އަޅުކަމުގައި އުޅުމަށް ނަސޭހަތްތެރިވިއެވެ. އަދި އެ ނަޝާއަކީ އަވަލައިގެން އުޅޭ ޖިންނި އެއްކަމަށްވެސް ބުންޏެވެ. އަދި އޭގެކުރިން ގުމްރީގެ ސޫރައިގައި ފެނުނީވެސް އެ ނަޝާ ކަމަށް ބުންޏެވެ.

އެހެންކަމުން އަހަރެން ސާފިއު ކައިރިއަށްގޮސް އެދުވަހު އެގަޑީގައި ގުމްރީ އާއިއެކު އަތިރިމައްޗަށް ދިއައިންތޯ އާއި އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރީމެވެ. ސާފިއު ހައިރާންވިއެވެ. އަދި ބުންޏެވެ. ދުވަހަކުވެސް ތިފަދަ ކަމެއް ނުކުރަމެވެ. އަދި ގުމްރީއަކީ މާތް އަންހެނެކެވެ. އަހަރެން ދުވަހަކުވެސް ތިކަހަލަ އެއްވެސް ގުޅުމެއް ގުމްރީ އާއި މެދު ބާއްވަފައި ނުވާނެއެވެ. އެދުވަހު ތިގެއަށް ދިޔައީވެސް ސާފިއުއަކީ އަހަރެންގެ ރައްޓެއްސަކަށްވާތީ ގުމްރީ ދިން ދަޢުވަތަކަށެވެ. އަދި އެއީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެއް ކަމަށް ސާފިއު ބުނުމުން އަހަރެން ފެންކަޅިވިއެވެ. އަދި ދެރަވެ މާޔޫސްވިއެވެ.

ކުރާނެކަމެއް ނެތެވެ. އަހަރެންގެ ގުމްރީ މީގެ ތިން ދވަސް ކުރިން އަހަރެންގެ ދެއަތުން މިއައީ ކަފުންކޮށް ވަޅުލާފައެވެ. މިއީ އަހަރެންގެ ކުށެވެ. އަހަރެން މިއަދު އެ ކުށަށް ތައުބާވަމެވެ. ގުމްރީ ފަދައިން ސާލިހް އަޅަކަށް ވުމަށް އެދި އިބަ ﷲގެ ހަޞްރަތުގައި ދުއާ ކުރަމެވެ. އެފުރާއަނަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި. އާމީން.

އަހަރެން ފަދައިން ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި ވަރަށްބޮޑު އުއްމީދެއްކުރެއެވެ. ހަޔާތުގެ ބައިވެރިޔާ އާއި މެދުއެވެ. ދިރިއުޅުމާއި މެދުއެވެ. އަހަރެންވެސް އުއްމީދުތަކެއް ކުރީމެވެ. އަހަރެންގެ ހަޔާތަށް އެތަޢް ކަނޑެއް ހުރަސްކުރުމަށްފަހު ލޯބިވެރިއަކުއައެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ގުމްރީއެކެވެ. އަހަރެންވެސް ލޯބިވީމެވެ. އެޒުވާނާގެ އަސަރުގަދަ ލޮލުގެ އަޑިއަށް ހިތްފީނައިގަތެވެ. ނަމަވެސް އެލޯބި ގަދަވަޔާ ވިއްސާރައިގެ ތެރޭގައި މަންޒިލެއްނެތި އަހަރެންގެ އަތުން މުޅި ދިރިއުޅުން ކަފުންކޮށް ވަޅުލެވިއްޖެއެވެ. އަހަރެންނަކީ އަމިއްލަ އުސޫލަށް ތަބާވާ މީހެކެވެ. އެކަމު ހިތް އޮތީ ރޯލަރޯލައެވެ. ހިތުގެ މައްޗަށް އެއްވެސް ފަރާތަކަށް ބާރެއްނުހިނގިއެވެ. ނަމަވެސް އެކަން އަހަރެންނަށް ވިސްނުނީ މާފަހުންނެވެ. އޭރު މާލަސްވެއްޖެއެވެ. ދެލޯނޭދި އެދުނު ލޯބިވެރިޔާ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.

އަހަރެން ސިއްރުސިއްރުން ކަރުނައޮހޮރީމެވެ. ނަމަވެސް ކަރުނަ ހަޔާތުގައި ގެއްލި ދިޔަ އަހަރުތައް ހޯދައެއް ނުދިނެވެ. އެހެންކަމުން މާޔޫސްކަމާއެކު ދިރިއުޅުން ކުރިއަށް ދިޔައެވެ. އަހަރެން ހުރީ ނާއުއްމީދުވެފައެވެ. ދިރިއުޅުން ދެކެ ފޫހިވެފައެވެ. ނަމަވެސް އުއްމީދުގެ އަލިކަމެއް ނުވާގޮތަކަށް ހަޔާތުގެ ދޮރުތައް ބަންދެއްނުވެއެވެ. އެހެންކަމުން ހިތްވަރާއެކު ދިރިއުޅެން ނިންމީމެވެ. އަހަރެންގެ މަލެއް ފަދަ އެ ލޯބިލޯބި ދަރިފުޅުގެ ހައްޤުގައެވެ.

ނަމަވެސް ކަންތައް ދިމާވީ އެހެންގޮތަކަށެވެ. އަހަރެންގެ ދެވަނަ ބައިވެރިޔާވީ އަހަރެން އުއްމީދު ކުރިފަދަ ސަހުސިއްޔަތަކަށް ނޫނެވެ. އެއީ އަހަރެންގެ ގުމްރީ ފަދަ މަލެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ ބާރަކަށް އޭނާ ވުމުގެ ބަދަލުގައި އޭނާވީ އަހަރެންގެ ދިރިއުޅުމުގެ ބަލިފަޔަށެވެ. އަހަރެންގެ ކުށް ހޯދައިގެން އަހަރެންގެ ހިތަށް އޭނާ ތަދުކުރިއެވެ. އަހަރެންނާއި ވަގަށް އެހެން ފިރިހެނުންނާއި އެކު ސިއްރު ގުޅުންތައްވެސް ބާއްވައެވެ. އަދި އަހަރެން ގޭގައި ނޫޅޭ ގަޑިތަކުގައި އަހަރެން އެ ތުއްތު ތުއްތު ދަރިފުޅަށް އަނިޔާކުރާކަން އެދަރިފުޅުގެ ގައިގެ ގުނަވަންތަކުން ހެކިދިނެވެ. އަދި ބައެއް ދުވަސްދުވަހު އަހަރެން ގެއަށް އަންނައިރު ކޮންމެވެސް ފިރިހެނަކު އަހަރެންގެ ގެއިން ނިކުމެގެންދާތަން ފެނެއެވެ.

މިގޮތުން އެއްދުވަހަކު އަހަރެން ގެއަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އަހަރެންގެ ހަޔާތުގެ ދެވަނަ ބައިވެރިޔާ އެހެން މީހަކާއެކު ގައިގޯޅިވެ އުޅޭމަންޒަރު ފެނުމުން އަހަރެން ހިތަށް ތަދުވިއެވެ. އަދި ވަގުތުން އަހަރެންނަށް ހަޅޭއް ލަވައިގަނެވުނެވެ. ނަތީޖާއަކަށްވީ އެވަގުތުން ފެށިގެން އުއްމީދުގެ އެންމެފަހު ހުޅުކޮޅު ހަޔާތުން ނިވިގެން ދިޔުމެވެ. އެދުވަހު އަހަރެންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބުނެވެ. ދިރިއުޅުމަކަށްޓަކައި ލޯތްބާ އިތުބާރުގެ މުހިއްމުކަން ވިސްނުނެވެ. ނަމަވެސް އޭރުވަނީ މާލަސްވެފައެވެ.

ގެވެށި އަންބަކު ލިބުނެވެ. ދަރިފުޅަކު ލިބުނެވެ. އެކަމު ޅަދުވަހު ދުށް އެއްވެސް ހުވަފެނެއް ހަގީގަތަކަށް ނުވިއެވެ. އެކަމު ޝުކުރުވެރިވީމެވެ. ގެބެމުންދާ އިންސާނަކަށް ފިލާގަޑެއްވެސްވާނީ އަގުހުރި މުދަލަކަށެވެ. އަހަރެންގެ ދަރިފުޅުވީ އަހަރެންގެ ޖަވާޒީހަޔާތް ދެމެހެއްޓުމަށް މަޖުބޫރުވި އުޒުރަކަށެވެ. ދިރިހުރުމުގެ ބާރަކަށެވެ. ނަމަވެސް ދިރިހުރީ މައްޔިތަކު ފަދައިންނެވެ. އޭރު އަހަރެންގެ ހިތުގެ އުއްމީދުތައް ވަނީ މަރުވެފައެވެ. އުފާތައް ވަނީ ކަފުންކޮށްފައެވެ. ކުރިއަށް ހިނގާހާ ހިތްވަރެއްނެތެވެ. މަންޒިލް މާދުރަށްގޮސް ވަނީ އޮބާލާފައެވެ.

ނަމަވެސް ކެތްކުރީމެވެ. ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އަހަރެންގެވެސް ކެތްތެރިކަން ކޮޅުންލިއެވެ. އަހަރެންގެ ހަޔާތަށް މިއަދު ދެން އިތުރު މީހަކު ބޭނުމެއް ނުވެއެވެ. އަހަރެންނަށް ކުރެވުނު ކުށަށް ދެރަވެ މިއަދު ހިތާމަ ކުރަމެވެ. ގުމްރީގެ ހަނދާނުގައި މިއަދު މިދަރިފުޅުގެ މުސްތަޤްބަލަށްޓަކައި އަހަރެން ދިރިހުންނަން ބޭނުމެވެ. އަހަރެންނަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަނބިމީހާ ވަކިވެދިޔުން ދަރިފުޅަށް ލިބޭ ނިކަމެތިކަމަކަން މިއަދު މާބޮޑެވެ. ގުމްރީއަކީވެސް ޔަތީމު ކުއްޖެއްގެ ގޮތުގައި ބޮޑުވެގެން އައި މާތް އަހުލާގެއްގެ ވެރިއެކެވެ. އެހެން ނަމަވެސް މިއަދު މިދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންވާނެއެވެ. އިރާދަ ކުރެއްވިއްޔާ އަހަރެންގެ ގުމްރީ ފަދައިން މިދަރިފުޅަށްޓަކައި މުޅި ޢުމުރަށްވެސް ޤުރުބާން ވާނެމެވެ. މިއީ އަހަރެމެންގެ ލޯބީގެ ނިޝާނެވެ. ރަމްޒެވެ. ނަމަވެސް އަހަރެންނަކަށް އަލުން ދެނެއް އެ ގުމްރީއެއް ނުލިބޭނެއެވެ. އެ ގުމްރީ މިއަދު މިވަނީ އަހަރެންގެ މުށުތެރެއިން ދޫވެ އަހަރެންގެ ބާރު ނުފޯރާ ހިސާބަށް ގޮސްފައެވެ.

މުށުންދޫވި ގުމްރީވިފަދަ އަލިޤަމަރް ދުށުންއެދެމެ އަދި ސާފުކޮށް އެއްފަހަރު

ކުށެއް ވެވުނު ކުށްތައް ކުރައްވައި މަޢާފު ފުށުންއަޅުގެ ނުދަނިސް ފަނާވެވި ޢުމުރު

(ނިމުނީ)