• އިންޑިއާއަށް ވައިގެ ދަތުރުކުރުން ގައުމުތަކުން ހުއްޓާލަނީ

5 ގައުމެއްގައި ތިބި ސައުދީ އަރަބިއްޔާގެ ރައްޔިތުން ވީ އެންމެ އަވަހަކަށް އެނބުރި ގައުމަށް އައުމަށް ސައުދީ އަރަބިއްޔާއިން އަންގައިފިއެވެ.

މިލިސްޓުގައި ހިމެނޭ ގައުމުތަކަކީ، އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، އިންޑޮނޭޝިޔާގެ އިތުރުން ފިލިޕީންސެވެ.

މި ގައުމުތަކުގައި ތިބި ނުވަތަ ދިރިއުޅޭ ސައުދީ ރައްޔިތުން ވީހާވެސް އަވަހަކަށް އެނބުރި ގައުމަށް އައުމަށް ސައުދީ ސަރުކާރުން އެންގީ، އެ ގައުމުތަކުގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފެށުމާ ގުޅިގެންނެވެ.

މިކަމާހެދި، ސައުދީ އަރަބިއްޔާއިން މިހާރުވަނީ، އެ ގައުމުތަކުން އަންނަ ފަސިންޖަރު މަތިންދާ ބޯޓްތަކަށް ސައުދީ އަރަބިއްޔާ ބަންދުކޮށްފައެވެ.

ސައުދީ އަރަބިއްޔާއިން އަންނަމަހު ބައިނަލްއަގްވަމީ ވައިގެ ދަތުރުތައް އަލުން ފެށިނަމަވެސް، އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، އިންޑޮނޭޝިޔާ އަދި ފިލިޕީންސަށް އަވަހަކަށް ދަތުރު ނުފެށޭނޭ ކަމަށް ސައުދީ ސަރުކާރުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާއިންވަނީ ޔޫރަޕްގެ އެތައް ގައުމަކާއި، ސްވިޓްޒަރލޭންޑުން ފްލައިޓްތައް އައުންވެސް ވަގުތީގޮތުން މަނާކޮށްފައެވެ.

ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، އީރާނުންވެސް މިއަދުވަނީ، އިންޑިއާ އަދި ޕާކިސްތާނަށް ވައިގެ ހުރިހާ ދަތުރެއް ކުރުން ހުއްޓާލާފައެވެ.

އިންޑިއާ ދެމެދު ކުރަމުންދިޔަ ވައިގެ ހުރިހާ ދަތުރެއް އީރާނުން ހުއްޓާލީ، އިންޑިއާގައި ކޮވިޑް ބަލި ޖައްސަމުންގެންދާ ކޮވިޑްވައިރަހުގެ ވޭރިއެންޓުގެ ސަބަބުން އީރާނުގައި ބަލި ވަރަށް ބޮޑަށް ފެތުރިގެން ދިއުމުގެ ރިސްކް ބޮޑުވުމުން، އީރާނުގެ ހެލްތު މިނިސްޓްރީން އެކަމަށް މަޝްވަރާ ދިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވީ، ޔޫކޭ، ބްރެޒިލް، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓަށް ވުރެން އިންޑިއާގައި ބަލި ފަތުރަމުންދާ ޑަބަލް މިއުޓަންޓް ވޭރިއެންޓުގެ ނުރައްކާ އީރާނަށް މާ ބޮޑު ކަމަށެވެ.

"އެ ވައިރަސް އީރާނަށް އެތެރެވެއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ"
އީރާނުގެ ރައީސް

ކޮވިޑްބަލީގެ ހަތަރުވަނަ ރާޅު އީރާނުން ތަޖުރިބާ ކުރަމުންދާއިރު، އީރާނުގެ ރައީސް ހަސަން ރޫހާނީ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ، އަލަށް ބަލިޖެހޭ މީހުންގެ އަދަދުތަކާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތަކާއި، ބަލީގައި މަރުވާ މީހުންގެ ރޭޓަށް ބަލާއިރު، އީރާނުގެ ހާލަތު އޮތީ ވަރަށް ކަންބޮޑުވުވާ ދަރަޖައެއްގައި ކަމަށެވެ.