އެކްޓަރު ސަލްމާން ޚާންގެ އެންމެ އިންތިޒާރުކުރެވޭ ފިލްމު "ރާދޭ" ގެ ޓްރެއިލަރ ރިލީޒްކުރުމާއެކު ގިނަ ބަޔަކު ކެތްމަދުވެފައިތިބީ ފިލްމު ބެލުންތެރިންނަށް ފެންނާ ދުވަހަކަށެވެ.

މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ގެނެސްދިނުމަށް ޝެޑިއުލްކުރި މިފިލްމުވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހުއްޓުމަކަށް އައިސްފައެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު ސިނަމާތަކާއެކު ޑިޖިޓަލް ޕްލެޓްފޯމްތަކުގައިވެސް ފިލްމު ރިލީޒްކުރުމަށްވަނީ ނިންމާފައެވެ. އެއީ ޒީ ނެޓްވޯކްގެ ޒީ5 އަދި ޒީ ޕްލެކްސްއިންނެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި މިއީ ސަލްމާން ޚާންގެ މާޔޫސްވެފައިވި ތިބި ފޭނުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރެކެވެ. އެއީ ސިނަމާތަކަށް ފިލްމު ބަލާލަން ނުދެވުނަސް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރާ ދުވަހު ބަލާލުމުގެ ފުރުސަތު ލިބިގެންދާތީއެވެ.

ފިލްމުގެ ޓްރޭލަރއަށް ބަލާލިއަސް މިފިލްމަކީ ވަރަށް ޝައުގުވެރި ހާދިސާތަކެއް ފެނިގެންދާނެ ފިލްމެއްކަން އެނގެއެވެ.

ފިލްމު "ރާދޭ" ގައި ސަލްމާން ޚާން ފެނިގެންދަނީ މަސްތުވާ ތަކެތީގެ ހަބެއްގެގޮތުގައި މަޝްހޫރުވެފައިވާ އޭނާގެ ސިޓީ މުޅީން ސާފުކޮށް އެކަމަށް މަގުފަހިކުރާ ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރާ ސިފައިންގެ މީހެއްގެ ރޯލްއިންނެވެ.

މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސަލްމާންގެ ކާމިޔާބު ފިލްމު "ވޯންޓެޑް" ގެވެސް ޑައިރެކްޓަރު ޕްރަބޫ ދޭވާއެވެ.

ސަލްމާންއާއެކު ބަތަލާއެއްގެ ރޯލްއިން ފެނިގެންދާނީ ސަލްމާންގެ ފިލްމު "ބާރަތް" އިން ފެނިގެންދިޔަ ޒުވާން ބަތަލާ ޑީޝާ ޕަޓާނީއެވެ.

ބަތަލާ ޖެކްލީން ފެނާންޑޭޒް ފިލްމުގެ ޚާއްސަ ލަވައަކުން ފެންނައިރު ފިލްމުގައި ދެން ހިމެނޭ ކާސްޓުންނަކީ، އެކްޓަރު ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް. ގޯތަމް ގުލާޓީ އަދި ބަތަލާ ޒަރީނާ ވައްހާބްއެވެ.