ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށަކަށް ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މާއުނގޫދޫ އަދި ކޮމަންޑޫގައި ގާއިމްކޮށްފައިވާ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދެމުންދާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް އެކުންފުނީގެ ޚިދުމަތް ފޯރުކޮށްދެމުންދާކަންވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ށ. އަތޮޅުގައި ބޭންކިންގ ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. 70 އަށް ވުރެ ގިނަ އޭޓީއެމް ސެންޓަރާއެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިގުއައާއެކު ހިދުމަތް ދެވޭ ކަމީ ފަހުރުވެރިވާކަމެއް ކަމަށްވެސް ޓިމް ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.