އިންޑިއާއިން އަންނަ ފަތުރުވެރިން ރާއްޖޭގައި މީހުން ދިރިއުޅޭ ތަންތަނުގައި ހުންނަ ގެސްޓް ހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިފަދައިން އަންގާފައިވަނީ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ފިޔަވަޅުތަކެއް އަޅަން އަންގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމެއްގައެވެ.

މި އެންގުމުގައި ވާގޮތުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭގޮތަށް، މީހުން ދިރިއުޅޭ ތަންތަނާ ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އެހެން ނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކްއިން ވެފައިތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރިންނަށް ބުކިންގ ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުންނާއި، ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާންވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި، މީގެތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗަރ ޕީ.ސީ.އާރު ޓެސްޓެއް ހަދަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.