އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް- ދަ ޕްރައިޑް އޮފް އިންޑިއާ" އިންޑިއާގެ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ރިލީޒްކުރަން ތައްޔާރު ވަމުންދާކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

ބެލެވޭގޮތުގައި މިފިލްމު ރިލީޒްކުރަން ނިންމާފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރއިންނެވެ.

2019 ވަނަ އަހަރު އަޖޭ އެންމެފަހުން ކުޅެފައިވާ ފިލްމު "ތަންހާޖީ- ދަ އަންސަންގް ވޯރިއަރ" އަށްފަހު އަޖޭގެ ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެފިލްމުގައި އަޖޭ ފެނިގެންގޮސްފައިވަނީ ވަރަށް ތަފާތު ވަރުގަދަ ރޯލަކުންނެވެ.

ޓީ ސީރީޒްގެ މިފިލްމުގައި އަޖޭ ފެނިގެންދަނީ ހަނގުރާމަމަތީ ސިފައިންގެ މީހެއްގެ ގޮތުގައެވެ.

ބޫޝަން ކުމާރު ޕްރޮޑިއުސްކުރާ މިފިލްމަކީ 1971 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހިނގި ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މިފިލްމުގައި އަޖޭގެ އިތުރުން އެކްޓަރު ސަންޖޭ ދަތު، އެކްޓަރު ޝަރަދް ކެލްކަރު، ބަތަލާ ސޯނާކްޝީ ސިންހާ އަދި ނެށުންތެރިޔާ ނޯރާ ފަތްހީ ފެނިގެންދާނެއެވެ.

އިންޑިއާ ކޮވިޑްގެ ދެވަނަ ރާޅެއް ތަހައްމަލު ކުރަމުންދާ މިދަނޑިވަޅުގައި ސިނަމާތައް އާއްމުންނަށް ހުޅުވާލެވޭނެ ދުވަހެއް އަދި ބުނަން ނޭނގެއެވެ.

ފިލްމު "ބޫޖް" ގެ އިތުރުން މިއަހަރުގެ ޢީދާ ދިމާކޮށް ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ގިނަ ފިލްމުތަކުގެ މިސްރާބުހުރީ ޑިޖިޓަލް ރިލީޒިންގްއަށް ކަމަށް މައުލޫމާތު ލިބެއެވެ.

https://www.youtube.com/watch?v=8dJndNFnKnQ