* ތިރީގައި މިވަނީ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލިއުއްވާފައިވާ މަޒްމޫނެކެވެ.
****
(12 އޭޕްރީލް 2021 އާ ގުޅޭ)
މި ޢުންވާނުގެ ދަށުގައި ލިޔާން ފަށައިގަތުގެ ކުރީންވެސް ހިންދީ އަދަބުގެ ތާރީޚުން މުޅީންވެސް ފެންނާން އޮތީ ދީނީ އަދި ވަޠަނީ އަސަރުކަމުގައި ދަންނަވައިލާން ބޭނުންވެއެވެ. އެއީ ޅެން ބަހުރުވައިގެ އަދަބެކެވެ. މި ގޮތުގެ މަތީން ފެންނާން ހުރި އަދަބީ އުފެއްދުންތައް ވަނީ މައިގަނޑު ހަތަރު ޝިޢާރަކަށް ބަހައިލެވިފައެވެ. އެ ޅެންތައް އުފެއްދި ޒަމާންތަކަށް ބިނާކޮށް ބަހައިލެވިފައިވާ ހަތަރު ބާވަތުގެ ނަންތަކާއި އެ އުފެއްދުންތަކުގެ ޒަމާންތަކަކީ:
· ގިރް-ގަތާ ކަލް (ބަޠަލުންގެ ހިތްވަރުގަދަކަމާއި ޢަޒުމުގެ ވަރުގަދަކަމުގެ މައްޗަށް ތަޢުރީފުކޮށްފައިވާ ޅެންތައް) 11 ވަނަ ޤަރުނުން 14 ވަނަ ޤަރުނަށް
· ބަކްތީ ކަލް ޕޮއެމްސް (ދީނީ ކަންކަމުގައި ބޭނުންކުރާ ޅެންތައް) 14 ވަނަ ޤަރުނުން 18 ވަނަ ޤަރުނަށް
· ރީތި ކަވިޔަ ކަލް (ޢިޝްޤީ ނުވަތަ ލޯބީގެ ޅެންތައް) 18 ވަނަ ޤަރުނުން 20 ވަނަ ޤަރުނަށް
· އަދޫނިކް ކަލް (ޒަމާނީ އަދަބު) 20 ވަނަ ޤަރުނުން ފެށިގެން އޭގެ ފަހަށް
މި ލިޔުންތައް ހުރީ ހިންދީގެ ތަފާތު ބަހުރުވަތަކުންނެވެ. ނަމަވެސް 20 ވަނަ ޤަރުނުން ފެށިގެން ހިންދީބަހުގެ އުފެއްދުންތައް ހުރީ ހިންދީބަހުގެ އަދަބީ ބަހުރުވައިންނެވެ. "ސްޓޭންޓަޑް ހިންދީ" އިންނެވެ. މިގޮތުގެ މަތީން ލިޔެވިފައިވާ ހިންދީބަހުގެ ޒަމާނީ އަދަބުގެ އަސާސްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "އަ ރެޖިސްޓާރ އޮފް ހިންދުސްތާނީ" ލިޔެފައިވަނީ ސްޓޭންޑަރޑް ހިންދީބަހުން ދޭވާނަގްރީ އަކުރުންނެވެ. (ސޯސިއޯ-ލިންގުއިސްޓިކްސްގައި "ރެޖިސްޓާރ"އޭ ކިޔަނީ ވަކި ޚާއްޞަ މަޤްޞަދެއްގައި ނުވަތަ މުޢާމަލާތުގެ ވަކި ޙާލަތެއްގައި ބޭނުންކުރާ، ބަހުގެ ތަފާތުތަކަށެވެ.)
ފާހަގަކޮށްލާންޖެހޭ ކަމަކީ ހިންދީބަހުގެ އަދަބިއްޔާތާއި އުރުދޫބަހުގެ އަދަބިއްޔާތަކީ ތާރީޚުގައި ހަމަ އެކައްޗެއްކަމެވެ. މިއަދު ވެސް އުރުދޫބަހާއި ހިންދީބަހުގައި، ލިޔާ އަކުރުގެ ތަފާތު ފިޔަވައި، މާ ބޮޑު ތަފާތުތަކެއް ފެންނާކަށް ނުހުރެއެވެ. އެ ސަރަހައްދުގެ ބަހުރުވައިގެ ތަފާތު ހައި ކުޑަ ތަފާތެއް ނޫނީ ފާހަގައެއް ނުކުރެވެއެވެ. އަޅުގަނޑު މި ދެންނެވި ނުކުތާއަށް ދަލީލު ލިބޭ އެންމެ ވަރުގަދަ ހެތްކަކީ އުރުދޫބަހުގެ މަޝްހޫރު ބަސްވާރުންގެ ތެރޭގައި ހިމެނުނު ޝާޢިރުން، ހަމަ ހިންދީ އަދަބުގައި ފާހަގަކޮށްލެވޭ ބަސްވާރުންގެ ތެރޭގައި ހިމެނޭކަމެވެ. މީގެ ތެރޭގައި ޢާމިރު ޚުސްރޫއާއި ކަބީރު ދާސް އާއި މާލިކް މުޙައްމަދު ޖަޔަސީއާއި، މީރާބާއީ ފަދަ ޅެންވެރީން ހިމެނޭކަމެވެ. އެހެންކަމުން ކުރީން މި ދެންނެވި ކުޑަތަފާތު ފިޔަވައި މާ ބޮޑު އެހެން ތަފާތެއް ފެންނާންނެތް މި ދެބަހުގެ އަދަބު (ހިންދީ އަދަބާއި އުރުދޫ އަދަބު) ވެސް ފެށިފައިވާނީ ހަމަ އެއް މައިގަނޑަކުން ހަމަ އެކީގައި ކަމުގައި އަޅުގަނޑަށް ދަންނަވާން ކެރިދާނެއެވެ. މި ސަބަބު މިހެން ހުރުމާއެކު، އަދި އުރުދޫބަހުގެ އަދަބާމެދު ތަންކޮޅެއް ދިގުކޮށް ލިޔެވިފައިވާތީ ހިންދީ އަދަބުގެ މައްޗަށް މާ ދިގުކޮށް ލިޔާނޭ ބޭނުމެއް ނެތެވެ. ނަމަވެސް އުރުދޫބަހާއި ހިންދީބަހުގެ އެންމެ ކުރީގެ ޅެންވެރީންނަކީ ހަމަ އެއް ބަޔެއްކަން ހާމަކޮށްލުމަށްޓަކައި ހިންދީ އަދަބުގެ ކުރީގެ މަޝްހޫރު ޅެންވެރީންގެ ނަންތައް އެ ޅެންވެރީންގެ ދުވަސްވަރާއި ތަޞްނީފުތަކާއެކީގައި ދަންނަވައިލުމަށްފަހު މި ޢުންވާނުން ވަކިވެލާނަމެވެ.
· ޗާންދު ބާތުދާއީ (1148ން 1191ށް) "ޚާރީ ބޮލީ" ބަހުން ފުރަތަމަ ލިޔެވުނު "ޕްރިތުވިރާޖް"ގެ މުޞައްނިފް
· ޢާމިރު ޚުސްރޫ (1253ން 1325ށް) "ހިންދަވީ" ބަހުރުވައިން ލިޔެވުނު "ޕަހެލީސް" އާއި "މުކްރީސް"ގެ މުޞައްނިފް
· ވިދިޔަޕަތީ (1352ން 1448ށް) އިރުމަތީ ބަހުރުވަތަކުގެ މަޝްހޫރު ޝާޢިރު
· ކަބީރު ދާސް (1398ން 1518ށް) ދީނީ ޅެންވެރިކަމާއި ދީނީ ޙަރަކާތުގެ މަޝްހޫރު ޝަޚުޞިއްޔަތެއް
· ސުރްދާސް (1467ން 1583ށް) "ސަހތިޔާ ލަހްރީ"، "ސޫރް ސަރަވާލީ"، ސޫރް ސަގަރް" ފަދަ އުފެއްދުންތަކުގެ މުޞައްނިފް
· މާލިކް މުޙައްމަދު ޖަޔަސީ (1477ން 1542ށް) "ޕަދްމަވަތު" (15340) ގެ މުޞައްނިފު
· މީރާބާއީ (1504ން 1560ށް) "މީރާ ޕަދަވާލީ"ގެ މުޞައްނިފް
އަދި މިނޫނަސް މިފަދަ ކިތަންމެ ބަސްވާރުންނަކާއި ޝާޢިރުންނެއް ހިންދީ އަދަބުގެ މަޝްހޫރު ޝަޚުޞިއްޔަތުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް މާ ދިގުވެދާނެ ކަމަށްޓަކައި މި މިންވަރުން ފުއްދައިލީއެވެ.
ސާންސްކިރިތު ބަހުގެ ޕްރާކްރިތަކުން އައިސް ދިވެހިބަހާ އެކުއެކީގައި އުފެދުނު ނިބުލެއް ކަމުގައި ބެލެވޭ ސިންގަޅަ ބަސް، ބޮޑަށް މަސްހުނިވެފައިވާ ކަމަށް ބެލެވެނީ ޑްރެދީޑިއަން ބަހާއެވެ. އަދި ތަމަޅަ މުޖުތަމަޢުގެ ބަސްތަކާއެވެ. ފަހުން ސިލޯނު (މިހާރު ސްރީ ލަންކާ) ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އެ ޤައުމު އިސްތިޢުމާލުކޮށްގެން އުޅުނު ޕޯޗްގީޒާއި ފަހުން ޑަޗް އަދި އެންމެ ފަހުން އިނގިރޭސީންގެ ބަހުގެ އަސަރުވެސް ސިންގަޅަބަހުން މިހާރު ފެނެއެވެ. މި އިސްތިޢުމާރީ ބާރުތަކުގެ އަތްދަށުން މުޅިން ސަލާމަތްވެ ސްރީ ލަންކާއަށް އިނގިރޭސި އިސްތިޢުމާރުގެ ދަށުން މިނިވަންކަން ލިބުނީ 1948 ގައެވެ. މި ހުރިހައި މަސްހުނިވުންތަކަކާއެކު ވެސް ސިންގަޅަބަހުގެ އަދަބު ގުޅިފައިވަނީ ސީދާ އެބައިމީހުންގެ ދީނާއެވެ. މި އަދަބު ވެސް ކުރިއަރައިގެން އައިސްފައިވާ ކަމަށް ބެލެވެނީ އުރުދޫ އަދަބު ކުރިއަރައިގެން އައި ގޮތާ ދާދި އެއް ގޮތަކަށެވެ.
ތާރީޚީ އެތައް ސިއްރަކާއެކު ސިންގަޅަ އަދަބުގެ އުފަންވުން ވަނީ ތާރީޚުގެ އަނދިރިކަމުގެ ތެރެއަށް ގޮސް އޮބައިލައިފައެވެ. ލަންޑަނުގެ ޝެލްޑަން ޕްލޮކް ހާމަކުރާގޮތުގައި ސިންގަޅަ މުސްކުޅި އަދަބަކީ އެބައިމީހުންގެ ދީނީ ޤަބޫލުކުރުންތަކުގެ މަތީން ދުޢާކޮށް، ކަންކަމުގެ އެދުމުގައި ދަންނަވާން ލިޔެ ހާމަކުރާ ކިޔުންތަކެވެ. އަދި އަޅުކަމުގެ ގޮތުގައި ހަދައިފައި ހުރި ޅެންތަކާއި ކިޔުންތަކެކެވެ. މީގެ އިތުރަށް، އިޖުތިމާޢީ ހަމަޖެހުމާއި ތިމާވެށީގެ ރީތިކަން ސިފަކުރުމާއި ލޯބީގެ ޝުޢޫރުތައް ވެސް ސިންގަޅަ އަދަބުގައި ފާޅުކޮށް ކުރިއަރުވައިފައިވެއެވެ.
އެނގިވަޑައިގަންނާވާނެ ފަދައިން ޅެންވެރިކަމަކީ ޤައުމެއްގެ ވިންދެވެ. ޅެންވެރިކަމުގެ ދުނިޔެ ރިވެލި ކޮށްދެނީ ސަގާފީ ތަރިކައާއި އަދަބިއްޔާތާއި ޢިޝްޤީ އަސަރާއި އިޖުތިމާޢީ ގުޅުންތަކާއި އިސްތިޙުސާނެވެ. ކުރުކޮށްދަންނަވާނަމަ، ޅެންވެރިކަމަށް ހުށަހެޅިފައިވާ ޤައުމެއް ނަމަ އެއީ ސަގާފީ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ.
ސިންގަޅަ އަދަބިއްޔާތަށް މި ހުރިހާ ސިފަތަކެއް ލިބިފައިވެއެވެ. ދުނިޔޭގެ އެންމެ ޢިޝްޤީ ދެ ބަސްކަމަށް ބެލެވޭ ފަރަންސޭސިބަހާއި އުރުދޫބަހުން ވެސް ތިޔާގިކަން ހޯދައިފައިވާ ސިންގަޅަ ބަހަކީ ޝާޢިރީބަހެކެވެ. ޅެންވެރިކަމަށް ބޭނުންވާކަހަލަ، ފަހެލި (ފްލެކްސިބްލް) ގަވާއިދަކާއި އަޑުގެ ތައްގަނޑުތަކާއި ބަސްކޯޅިތަކާއި އެއް މާނަ ދޭހަވާ އެތައް ލަފުޒުތަކަކާއި މުއްސަނދި ބަސްކޮށާރެއް ސިންގަޅަބަހަށް ލިބިފައިވާކަމަށް އެ ބަހުގެ ޅެންވެރީންނާއި ބަސްވާރުން ބަޔާންކުރެއެވެ. މިކަން ހާމަކުރުމަށްޓަކައި ލިޔެފައިވާ ޅެމެއްގެ ބަސްތައް މިތާ ލިޔެލާނަމެވެ. މިއީ ރަސްދަރިކަލަކު ވަލުތެރެއަށް ކުރި ދަތުރެއްގެ މައްޗަށް ބިނާކޮށް "ދުނުވިލަ" (Dunuvila) ނަމަކަށް ކިޔުނު ޅެންވެރިޔަކު އަށާރަވަނަ ޤަރުނުގައި ހަދައިފައިވާ ޅެމެއްކަމަށް ބުނެވެއެވެ.
"ނިލް ދިގު ވަރަލް ކުސުމަން ބެންޑާ ގޮތާލާ
ޕުލް ރަތު އުޕުލް މަލް ސަވަނަތަ ސަދާލާ
އެލް ގެވި ކަލް ކިޔާނާ ލިޔަގި އަސާލާ
ލޮލް ހެރަގިޔެ ކުމާރިންދޫ މަނާ ޕިނާލާ"
("ހިތްދަމައިގަންނަ ފަދަ ދެރިޔަތަކެއް ރީތި އަޑުތަކުން ލަވަ ކިޔާ އަޑު، ހަނޑޫ ދަނޑުން އަމީރަށް އިވިވަޑައިގަތެވެ. ތިރިޔަށް ދެމިގެންވާ ރީތި ދިގު ފަން އިސްތަށިގަނޑު ތިރިޔަށް އޮހިފައިވަނީ މީރުވަސްދުވާ ރީތި މާތަކުން ޖަރީވެގެންނެވެ. އަދި ދެކަންފަތުގެ ދެމެދުގައިވަނީ ރަތް ނީލޯފަރު މާތަކުން ޖާރީވެފައެވެ. ނަމަވެސް އެކަނބަލުން ދުރަށް ދިޔައީއެވެ. އުފަލާއި މަޖަލާއެކީގައެވެ. އެކަނބަލުންގެ ކިބައިގައި އޯގާވެރިކަމެއް ލޯތްބެއް މަވައްދަތެއް ނެތެވެ.")
މި ޅެމުގެ މާނަ އަޅުގަނޑަށް ކުރެވިފައިވާ ގޮތާމެދު ޝަކުވާ ނުކުރެއްވުން އެދެމެވެ. ޅެންބަހުރުވައަކީ އެފަދަ އެއްޗެއް ނޫންތޯއެވެ! ޅެމުގައި ޝާޢިރުން ގެންނަވައިފައިވާ އަސަރު، ތަރުޖަމާއެއްގައި ގެނައުމަކީ ފަސޭހަކަމެއް ނޫނެވެ. ޅެމުގެ މާނައަށްވުރެ ބޮޑަށް އަޅުގަނޑު އަޅައިގަތީ ބަނޑުވައްއަކުރާއި ކާފިޔާގައެވެ. ލަފުޒުގެ އަޑުތަކުގެ މިޔުޒިކުގައެވެ. ދިވެހި ޅެންވެރިކަމާ ވައްތަރު ގޮތެއް އެބަ ހުރި ނޫންތޯއެވެ! އެހެންވީމާ ދިވެހިބަހާއި ސިންގަޅަ ބަހަކީ ހަމަ އެއްބަނޑުއެއްބަފާ ދެ ބަސްކަމަށް މި ޅެމުންވެސް އިތުރު ހެކި ނުލިބޭތޯއެވެ!
އެހެން މިސާލެކެވެ.
"ތުން ކަލަ ތުމުލަ ވަނަޔެ މަލްރަސާ ނޮވިންދާ
ކަންތަލަ ގަޖަން ކޮޕްލަތާ ބިންގޫ ރޮނާޓަ ވެދާ
ކަންތަލަ ޕަހަރަ ވެނީ ނިރިންދުތަ އަސުވަ އިންދާ
ޕިން ކަލަ ހިތަނުވަނި ދެން ތެވެނު ކުމަތަދާ"
މިއީ މާމުއިކުޅަނދުރުގެ މަސައްކަތާ ބެހޭ ގޮތުން އޮތް ޅެމެކެވެ. އަޅުގަނޑު ހަމަ އަޅައިގަންނަނީ ދިވެހި ޅެންވެރިކަމާއި މި ޅެންވެރިކަމާ، ލަފުޒުގެ "ރާގު" ގައި، އަޑުގެ މިޔުޒިކުގައި ހުރި އެއް ގޮތްކަން ބޮޑުކަމާ ހުރެއެވެ. ކޮންމެއަކަސް މިހައިވަރުން މި އުންވާނުންވަކިވެލާނަމެވެ. މަޝްހޫރު ޝާޢިރެއްގެ ނަން ދަންނަވައިލުމަށް ފަހުގައެވެ. މާ ދިގުވާތީއެވެ.
ސިންހަޅަ ޝާޢިރުންކުރެ މަޝްހޫރު އެއް ޝާޢިރަކީ ގުނަދާސަ އަމަރެސޭކަރައެވެ. އޭނާ ގިނަ ޅެންތައް ހަދައިފައި ހުރީވެސް އިންސާނީ ތަރައްޤީގެ މައުޟޫޢުތަކުގައެވެ. ނުވަތަ ދީނީ ޝުޢޫރުތައް ފާޅުކުރުމުގައެވެ. ދެން މުނިފޫހިފިލުވުމާއި އުފަލާއި މަޖަލާއި ހިތްހަމަޖެހުމުގެ ދާއިރާގައެވެ.
އިނގިރޭސި އަދަބުގެ ވާހަކަ ފެށެނީ އެންގްލައު ސެކްސަންގެ ވަޒަންވެރިވުމާ ހިސާބުންނެވެ. އެއީ ފަސް ވަނަ ޤަރުނުގައި ޖަރުމަނުގެ ސަގާފަތާއެކު އިނގިރޭސިވިލާތުގައި ވަޒަންވެރިވި ޖަރުމަނީންނެވެ. މި އަދަބުގެ ބޯ ކަމުގައި ބެލެވެނީ ބައެވޫލްފް (Beowulf) އެވެ. މިއީ އެޕިކް ޅެމެކެވެ. އަށް ވަނަ ޤަރުނުގެ މި ޅެން އޮތީ އެންގްލައު ސެކްސާން ނުވަތަ މުސްކުޅި އިނގިރޭސި (އޯލްޑް އިންގްލިޝް) ބަހުންނެވެ. މި ޒަމާނުގެ އިނގިރޭސިބަހުން ވާހަކަދައްކާ މީހުންނަކަށް މި ޅެން ރީތިކޮށް ފަހުމެއް ވެސް ނުވާނެއެވެ. އެހެންނަމަވެސް މި "ދެބަހުގެ" ދެމެދުގައި ބަހަވީ ތަރައްޤީތަކެއްވެސް އައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބަދަލަކީ މުސްކުޅި އިނގިރޭސިއާ ޚިލާފަށް "މެދުތެރޭ އިނގިރޭސި 11 ވަނަ ޤަރުނުން ފެށިގެން ތަރައްޤީވުމެވެ. އަދި ފަރަންސޭސި ނޯރމަންޑީ އިނގިރޭސި ވިލާތް އިސްތިޢުމާރުކުރުމާ ގުޅިގެން ފަރަންސޭސި ބަހުގެ ބަސްކޮށާރުން އިނގިރޭސި ބަހަށް މުއްސަނދިކަން ލިބުމެވެ.
ފަރަންސޭސި ބަހާއި ޖަރުމަނު ބަހުގެ އަދަބުގެ ނުފޫޒުގެ ސަބަބުން އިނގިރޭސި އަދަދަބަށް ޚިޔާލާއި ސަގާފަތާއި ޙަރަކާތްތަކުގެ ދައުރަށް ވާދަވެރިކަމެއް އައެވެ. ފަރަންސޭސި ޅެންވެރި ސަގާފަތުގެ ތެރެއިން ޅެމުގެ ފޮޅުވަތްތަކުގެ ދިގުމިނާއި ބަސްކޯޅިތަކަށާއި ބަސްޖޯޑުތަކަށް ބަދަލުތަކެއް އައެވެ. ޖަރުމަނު ޅެންވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ބަސް ކޯޅިތަކުގެ އަޑުގެ އެއްވައްތަރެއްގެ ތައްގަންޑުތަކާއި (ރިދަމް)، ބާރުލުން (ސްޓްރެސް) ތަކާއި އެއް އަޑުތަކެއް ނުވަތަ އަކުރުތަކެއްގެ ތަކުރާރުވުން (އެލިޓަރޭޝަން) ތަކެއްގެ މައްޗަށެވެ. މި ކަންކަމުގެ ސަބަބުން، އެ ޅެންވެރިކަމުގައި ރަހައާއި އަސަރު ގެނުވައެވެ. ކަންފަތްތަކަށް ފަސޭހަކޮށްދެއެވެ. މި ތަކުރާރުވުންތަކުން ވަޒަންތައް ހަމަވެ، ލަފުޒީ ކަސްރަތެއް އުފައްދައެވެ.
ފަރަންސޭސިބަހުގެ އަދަބާއި ޖަރުމަނުބަހުގެ އަދަބުގެ ސަގާފަތުގެ ސަބަބުން ސާދަވަނަ ޤަރުނުން ފެށިގެން މެދުތެރޭ އިނގިރޭސީގެ ޒަމާން ނިމެންދެން އިނގިރޭސި އަދަބަށް ފަށުވިކަމާއި ހިމުންކަން ގެނެސްދިނެވެ. މި ދުވަސްވަރު އެންމެ މަޝްހޫރު ދެ ޅެމަކީ ވިލިއަމް ލޭންގލޭންޑް ހަދައިފައިވާ "ޕިއަރސް ޕްލަވމަން" (Piers Plowman) އާއި "ސަރ ގަވައިން" (Sir Gawain) އެވެ. މިފަދަ މަސައްކަތްތަކުން ޣިޛާ ލިބިގެން، އިނގިރޭސި މުޞައްނިފެއް އަދި ޅެންވެރިއެއް (ރަސްގެފާނުގެ ދަރުބާރުގެ ނުވަތަ މުނިފޫހިފިލުވާ ސަރަހައްދުގެ ރަސްމީ ޅެންވެރިޔާ) ކަމުގައިވާ ޖެފްރީ ޝޯސަރ (Geoffrey Chaucer) ފަށައިގަތް މަސައްކަތުން އިނގިރޭސި އަދަބާއި ޅެންވެރިކަމަށް އާ ރަންޒަމާނެއް އައެވެ. މި ވަރުގަދަ ޙަރަކާތާއި އަގުހުރި ޚިދުމަތުގެ ސަބަބުބް އިނގިރޭސި ޅެންވެރިކަން އެހެން ހަރުފަތަކަށް ވާޞިލުވިއެވެ. ނަތީޖާއެއްގެ ގޮތުން މި މަޝްހޫރު ޅެންވެރިޔާ، ޖެފްރީ ޝޯސަރ (1340ން1400ށް) އަކީ "އިނގިރޭސި ޅެންވެރިކަމުގެ ބައްޕަ" ކަމުގައި ބަލައެވެ. ޖެފްރީ ޝޯސަރގެ އެންމެ މަޝްހޫރު އެއް ޅެމަކީ 669 ފޮޅުވަތުގެ މައްޗަށް އެކުލެވޭ "ޕާރލެމާ އޮފް ފޫލެސް" (The Parlement of Foules) މި ޅެމެވެ.
އިނގިރޭސި ޅެންވެރިކަމަކީ މި ޖީލުގެ މީހުންނަށް އާ އެއްޗަކަށް ނުވާތީ ކޮންމެހެން ދިގު ކުރުމަށްޓަކައި އިނގިރޭސި ޅެމެއް ނަކަލު ނުކުރީއެވެ. ބޭނުމެއް އޮތްކަމަށް ވެސް ނުފެނުނީތީއެވެ. އެޔަށްވުރެ ޢާއްމު އެއްޗަކަށްވާތީއެވެ. ބަޞަރާއަށް ކަދުރު ނުވިއްކާން ވެގެންނެވެ.
ތަންކޮޅެއް ފަހުގެ ތާރީޚަށް ނަޒަރެއް ދޭއިރު، މުޅި ދުނިޔެއަށް މަޝްހޫރު ޅެންވެރިޔާ އަދި އެކްޓަރ އަދި އެންމެ ވަރުގަދަ އިނގިރޭސި ލިޔުންތެރިޔާ ކަމަށް ބެލެވޭ ވިލިއަމް ޝޭކްސްޕެއަރ (26 އޭޕްރީލް 1564ން 23 އެޕްރީލް 1616ށް) އިނގިރޭސި އަދަބިއްޔާތަށް އާދަޔާ ޚިލާފު ކުރިއެރުމެއް ހޯދައިދިނެވެ. އޭނާ މަޝްހޫރުވެފައިވަނީ "އިންގްލަންޑްގެ ޅެންވެރިޔާ" ގެ ގޮތުގައެވެ. އޭނާގެ ފާޅުކަން ބޮޑު މަސައްކަތްތަކުގެ ތެރޭގައި އެހެންބަޔާކާ ކުޅިގެން ކުރި މަސައްކަތްތަކުގެ އިތުރަށް 39 ތަމްސީލާއި 14 ފޮޅުވަތުގެ 154 ޅެމާއި (ސޮނެޓް) ދެ ދިގުޅެން ހިމެނެއެވެ. އަދި މިނޫނަސް ޙިކްމަތްތެރި ކިތަންމެ ބައިތުތަކެއް އޭނާ ވަނީ ވުޖޫދަށް ގެނެސްފައެވެ. އޭނާގެ ތަމްސީލުތައްވަނީ މަޝްހޫރު ބޮޑެތި ހުރިހާ ބަސްބަހަށް ތަރުޖަމާކޮށްފައެވެ.
ޝެކްސްޕެއަރގެ އަދަބީ މަސައްކަތްތައް ކޮށްފައިވަނީ 1589 އާއި 1613 ވަނަ އަހަރާއި ދެމެދުގައެވެ. އޭނާގެ ކުރީގެ ތަމްސީލުތަކުން ފެންނަންހުރީ "ހެއްވާ" (ކޮމެޑީ) ތަމްސީލުތަކާއި ތާރީޚީ އުފެއްދުންތަކެވެ. އަދި އޭނާގެ އެންމެ މޮޅު އުފެއްދުންތައް ހުރީވެސް މި ބާވަތުގެ ތެރޭގައެވެ. ޝެކްސްޕެއަރގެ އަދަބީ އުފެއްދުންތަކަކީ މިއަދު ވެސް ވަރަށް މަޝްހޫރު އުފެއްދުންތަކެކެވެ. (ނުނިމޭ)