• އިންޑިއާގައި ފަތުއަޑުކިޔާފައި ބަލި ފެތުރެނީ އިންޑިއާއިން ފެނިފައިވާ ވޭރިއެންޓުގެ ސަބަބުން
  • ގައުމުތަކުން އިންޑިއާއަށް ވައިގެ ދަތުރުކުރުން ހުއްޓާލަނީ

އިންޑިއާއިން މިއަދު އެކަނިވެސް 349،691 މީހުން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ، ދުނިޔޭގައި ކޮވިޑްބަލި ފެތުރޭން ފެށިފަހުން އެއް ދުވަހެއްގައި ގައުމަކުން މިހާ ގިނަ އަދަދަކަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.

މިއާއެކު، އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 16.6 މިލިއަނަށް ވުރެ މައްޗަށް ގޮސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑްބަލީގައި 2،624 މީހުން މަރުވެ، މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދުވަނީ 190،000 އިން މައްޗަށް އަރާފައެވެ.

އަލަށް ބަލިޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުން ނެއްޓިފައި ވާއިރު، ބަލީގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ބަލިމީހުން އެޑްމިޓްކުރާނެ އެނދުތައް ހުސްވެ، ބަލިމީހުންނަށް ފަރުވާދޭ މެޑިކަލް އޮކްސިޖަންވެސް ގިނަ ހޮސްޕިޓަލްތަކުންވަނީ ހުސްވެފައެވެ.

ބަލީގެ ހާލަތު ގޯސްވެގެން ހޮސްޕިޓަލަށްދާ ބަލިމީހުން، ހޮސްޕިޓަލްތަކުން މިހާރު ގެންދަނީ އަނބުރާ ފޮނުވާލަމުންނެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގެ ގާބިލްކަން މިހާރު ނެތްކަމަށް ބުނެ ހޮސްޕިޓަލްތަކުންނާއި ޑޮކްޓަރުން ގެންދަނީ ނޯޓިސް އާންމު ކުރަމުންނެވެ.

އެކަމަކުވެސް، ބައެއް ހޮސްޕިޓަލްތައް ދޮށުގައި އެނދުތަކާއި، ސްޓްރެޗަރތަކާއި، އޮކްސިޖަން ސިލިންޑަރުތައް ބަހައްޓައިގެން އާންމުން ގެންދަނީ ޑޮކްޓަރުންގެ އެހީއަށް އެދެމުންނެވެ.

އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު މިހާ ގޯސްވެގެންދިޔައީ، އިންޑިއާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓުގެ ސަބަބުންނެވެ. ބީ.1.617 ގެ ނަން ދެވިފައިވާ "ޑަބަލް މިއުޓަންޓް" ވޭރިއެންޓު އިންޑިއާގައިދަނީ ފަތުއަޑު ކިޔާފައި ފެތުރެމުންނެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ، އިންޑިއާއިން ފެނިފައިވާ ވޭރިއެންޓް، އިނގިރޭސިވިލާތް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓަށް ވުރެންވެސް ނުރައްކާވެފައި ބާރުގަދަ ކަމަށެވެ.

މި ވޭރިއެންޓްގެ ސަބަބުން އަލަށް ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު، މި އޭޕްރީލްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އިންޑިއާއިން އަލަށް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 200،000 އިން މަތީގައެވެ.

ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އޮތީ ހަފްތާއަކަށް ލޮކްޑައުން ކޮށްފައެވެ.

ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވަނީ ގައުމާ މުޚާތަބު ކުރައްވާފައެވެ.

މޯދީވަނީ، ހުރިހާ ރައްޔިތުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށާއި، ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

މޯދީ ވިދާޅުވީ، ކޮވިޑްބަލީގެ "ތޫފާނުގެ" ސަބަބުން މުޅި އިންޑިއާއަށް ލޮޅުން އަރައިފި ކަމަށެވެ.

"ކޮވިޑްގެ ފުރަތަމަ ރާޅާ ކުރިމަތިލައި ކާމިޔާބު ހޯދިފައި ވުމާއެކު، އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އަދި ރޫހުވެސް އެބަހުރި. އެކަމަކު، މިތޫފާން މުޅި ގައުމު ގުޑުވާލައިފި"
މޯދީ

އިންޑިއާގައި ބަލީގެ ހާލަތު މިހާ ބޮޑަށް ގޯސްވެގެންދިޔައީ، ބަލި ފެތުރުން ހުއްޓުވަން އަޅާފައި ހުރި ފިޔަވަޅުތައް އުވާލައި، ސަރުކާރުން ދޫ ދިނުމުން ކަމަށްބުނެ މޯދީގެ ސަރުކާރަށް އެތައް ބައެއްގެ ނުރުހުން އަމާޒުވަމުން އެބަދެއެވެ. މިއީ، ދީނީ އަދި ސިޔާސީ ބޮޑެތި އެއްވުންތައް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދިނުމުގެ ނަތީޖާ ކަމަށްވެސް ބުނަމުން ގެންދެއެވެ.

އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ގޯސްވުމާ ގުޅިގެން ނިއުޒީލެންޑް، ހޮންގްކޮންގ، އިނގިރޭސިވިލާތް، އެމެރިކާ، އީރާންފަދަ ގައުމުތަކުން އިންޑިއާއިން އަންނަ އަދި އިންޑިއާއަށް ފުރާ ފްލައިޓްތައް ކެންސަލް ކޮށްފައިވާއިރު، އިތުރު އެތައް ގައުމަކުންވެސް މިފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން، އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވުވާކަން ހާމަކޮށް އިންޑިއާއަށް ކުއްލި އެހީ ދިނުމަށް އެމެރިކާ ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.