އިރާގުގެ ވެރިރަށް ބަޣުދާގުގައި ހުންނަ ހޮސްޕިޓަލެއްގެ އޮކްސިޖަން ޓޭންކް ގޮވައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާއެއްގައި 82 މީހުން މަރުވެއްޖެއެވެ.

މިހާދިސާގައި އިތުރު 110 މީހުން ޒަޚަމްވި ކަމަށް އިރާގުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޚާލިދު އަލް މުޚައްނާ ވިދާޅުވިއެވެ.

އޮކްސިޖަން ޓޭންކް ގޮވައި އަލިފާނުގެ ހާދިސާ ހިނގީ ބަޣުދާދުގައި ހުންނަ އިބްން އަލް-ޚައްތާބް ހޮސްޕިޓަލްގައެވެ.

މި ހޮސްޕިޓަލަކީ، ކޮވިޑްބަލީގެ މީހުންނަށް ފާރުވާ ދޭ ހޮސްޕިޓަލެއްގެ އިތުރުން، އިރާގުގެ އެކި ކަންކޮޅުތަކުން ޑޮކްޓަރަށް ދައްކަން މީހުން އަންނަ ހޮސްޕިޓަލެކެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކޮވިޑް ބަލިމީހުންނާއި، އެމީހުންގެ އެހީތެރިންގެ އިތުރުން، އެހެން ބަލިތަކުގައި އެޑްމިޓްކޮށްފައިވާ މީހުންނާއި، އެމީހުންގެ އެހީތެރިންނާއި، ހޮސްޕިޓަލުގެ ސްޓާފުންވެސް ހިމެނޭ ކަމަށް ދާޚިލިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ކަމާބެހޭ ޓީމުތަކުން ހަރަކާތްތެރި ވަމުންދިޔަ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އޮކްސިޖަން ޓޭންކް ގޮވައި ހޮސްޕިޓަލުގައި އަލިފާން ރޯވުމާއެކު، އެތައް ބަޔަކު ކުރި މަސައްކަތުން 200 ވަރަކަށް މީހުންގެ ފުރާނަ ސަލާމަތްކޮށްފައި ވެއެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ބަލި މީހުންނާއި އެމީހުންގެ އެހީތެރިންވެސް ހިމެނެއެވެ.

ސިވިލް ޑިފެންސް ޓީމުތަކުން މިހާރު ގެންދަނީ އަލިފާނުގެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

މިހާދިސާއާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް-ޚާދިމީވަނީ ސަރުކާރުގެ ހެލްތު މިނިސްޓަރ ހަސަން އަލް-ތަމީމީއާއި، ބަޣުދާދުގެ ގަވަރްނަރު މުހަންމަދު އަލް-އަތާ ސަސްޕެންޑް ކުރައްވާފައެވެ.

އަދި އަލިފާނުގެ ހާދިސާގެ ތަހްގީގުގައި އެބޭފުޅުންނާ ސުވާލު ކުރެވޭނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ 5 ދުވަހުގެ ތެރޭގައި ތަހްގީގުކޮށް އެކަމުގެ ފުރިހަމަ ރިޕޯޓް ކައުންސިލް އޮފް މިނިސްޓަރސްއަށް ހުށަހެޅުމަށް ބޮޑުވަޒީރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

ހަމަ އެއާއެކު، މިހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 10 މިލިއަން އިރާގު ދީނާރު (6،800 އެމެރިކާ ޑޮލަރު) ދެއްވާނެ ކަމަށްވެސް ބޮޑުވަޒީރު މސްތަފާ އަލް-ޚާދިމީ ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އިރާގުގެ ރައީސް ބަރްހާން ސާލިހް ނެރުއްވި ބަޔާނުގައި، މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައި ވެއެވެ. އަދި އަލިފާނުގެ ހާދިސާގައި ޒިންމާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލައްވާފައި ވެއެވެ.