އިޓާލިއަން ލީގުގައި ހެލަސް ވެރޯނާ ބަލިކޮށް އިންޓާ މިލާނުން 10 އަހަރަށްފަހު އިޓާލިއަން ލީގު ނުވަތަ ސެރިއާ އޭ ކާމިޔާބުކުރުމާއި ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އިންޓާ އިން ކާމިޔާބުކުރީ 0-1 ގެ ހަނި ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އިންޓާ އިންވަނީ މެޗުގައި 15 ހަމަލާއެއް އުފައްދާ އޭގެތެރެއިން ތިން ހަމަލާއެއް ގޯލާއި އަމާޒުކޮށްފައެވެ. އަދި ވެރޯނާ އިން ޖުމްލަ 13 ހަމަލާއެއް އުފެއްދިއުރު އެޓީމަށް ގޯލާއި އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. އެހެންނަމަވެސް 51 އިންސައްތަ އާއިއެކު މެޗުގެ ބޯލް ޕޮޒެޝަން އިންސައްތަ ޑޮމިނޭޓްކުރީ ވެރޯނާ އިންނެވެ.

މެޗުގައި އިންޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައު އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެޓިއޯ ޑާމިއަން އެވެ.

މި މޮޅާއެކު އިންޓާއިން ވަނީ ޕޮއިންޓް ތާވަލުގައި ދެވަނައިގައި އެޓަލާންޓާ އާއި ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ބޮޑު ކޮށްފައެވެ. އެގޮތުން އިންޓާއަށް 33 މެޗުން 79 ޕޮއިންޓު ލިބިފާވާއިރު އެޓަލާންޓާއަށް 33 މެޗުން ލިބެނީ 68 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އޭސީ މިލާނަށް އެއްމެޗު މަދުންކުޅެ ލިބެނީ 66 ޕޮއިންޓެވެ. އޭސީ މިލާނަށް ހޯމަ ދުވަހުގެރޭ ލާޒިއޯ އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތުގެ އިތުރުން އިންޓާ އާއި ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލީގުގައި ކޮންމެ ޓީމަކުންވެސް ކުޅޭނީ 38 މެޗެވެ.

ޔުވެންޓަސް އާއި ފްލޮރެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ފްލޮރެންޓީނާ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފްލޮރެންޓީނާ އެވެ. މިލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑުސާން ވްލަހޯވިޗް އެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޒުވާން ފޯވާޑް، އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ ހުއާން ކުއަޑްރާޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ.

މިނަތީޖާ އާއިއެކު ޔުވެންޓަސް އަށް ގާތްގަނޑަކަށް މިވަނީ ލީގު ޓައިޓަލް ދިފާއުކުރުމުގެ ފުރުސަތު ގެއްލިފައެވެ. އެގޮތުން ތާވަލުގެ 4 ވަނައިގައި މިވަގުތު ޔުވެންޓަސް އޮތީ 33 މެޗުން 66 ޕޮއިންޓާއި އެކުއެވެ. ޔުވެންޓަސް އާއި އިންޓާ އާއި ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އޮތްއިރު ޔުވެންޓަސް އަށް އިންޓާ އާއި އަރާ ހަމަކުރެވޭނީ ކުރިއަށް އޮތް 5 މެޗުންވެސް އިންޓާ ބަލިވެގެންނެވެ.