ބާސެލޯނާ އޯޕަންސް ޓެނިސް މުބާރާތް 12 ވަނަ ފަހަރަށް، ސްޕެއިންގެ އަދި ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ކާމިޔާބުކޮށްފިއެވެ.

ދުނިޔޭގެ ޓެނިސް ރޭންކިންގ ގެ ދެވަނައަށް ރޭންކް ކުރެވިފައިވާ ނަޑާލް މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ތިން ގަޑީރާއި 38 މިނެޓަށް ދިގުދެމިގެން ދިޔައިރު ސިޓްސިޕާސް ވެސް ވަނީ މޮޅު ކުޅުމެއް ދައްކާ، ނަޑާލް އާއި ދެކޮަޅަށް ރަނގަޅު ފައިޓެއް ދީފައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ފުރަތަމަ ލީޑުގައި އޮވެ ކުޅުނީ ސިޓްސިޕާސް އެވެ. އެހެންނަމަވެސް 2-4 އިން ސިޓްސިޕާސް އިން ކުރިހޯދާފައިވަނިކޮށް ނަޑާޅް ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ނަގާފައެވެ. މި ސެޓު ނަޑާލް ކާމިޔާބުކުރީ 4-6 އިންނެވެ. ދެވަނަ ސެޓު ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު ދެފަހަރަށް ސިޓްސިޕާސް ވަނީ ދެ ފަހަރަށް ގޭމް ޕޮއިންޓުން ރިކަވަރ ކޮށްފައެވެ. އެހެންނަމަވެސް މި ސެޓުވެސް ކާމިޔާބުކުރީ ނަޑާލް އެވެ. ތިންވަނަ ސެޓް ނަޑާލް ކާމިޔާބުކުރީ 5-7 އިންނެވެ.

މި މޮޅާއެކު 34 އަހަރުގެ އެތްލީޓް ވަނީ ކްލޭ ޕިޗުގައި ޖުމްލަ 61 ޓައިޓަލް ހަމަކޮށްފައެވެ. މީގެއިތުރުން ބާސެލޯނާގައި އެންމެފަހުން ކުޅުނު 11 ފައިނަލުގައިވެސް ނަޑާލް އަތުން ގެއްލިފައިވަނީ އެންމެ ސެޓެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނަޑާލް ބުނީ ކުޅުމުގެ ފެންވަރު ބޮޑުތަނުން ރަނގަޅުކުރެވުނުކަން އަމިއްލައަށްވެސް އިހުސާސް ވެއްޖެ ކަމަށާއި މި ޓައިޓަލް އަކީ އޭނާއަށް ވަރަށް މުހިންމު ޓައިޓަލް އެއް ކަމަށާއި، ބާސެލޯނާގައި ހޯދޭ ކޮންމެ މޮޅަކީވެސް އޭނާއަށް މުހިންމު މޮޅެއް ކަމަށެވެ.