ސްޓަޓްގާޓް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޭޝްލީ ބާޓީ ކާމިޔާބުކޮށްފިއެވެ.

25 އަހަރުގެ ބާޓީ މި މުބާރާތް ކާމިޔާބުކުރީ ބެލަރުސްގެ އުމުރުން 23 އަހަރުގެ އަރީނާ ސަބަލެންކާގެ މައްޗަށް ދެސެޓު އެއްސެޓުން ކުރިހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ އަރީނާ އެވެ. މި ސެޓު އޭނާ ކާމިޔާބުކުރީ 3-6 އިންނެވެ. އެހެންނަމަވެސް ކުޅުން ވަރުގަދަކޮށް ބާޓީ ވަނީ އެންމެ 23 މިނެޓުން ފައިނަލުގެ ދެވަނަ ސެޓު 0-6 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓު ވެގެންދިޔައީ ވާދަވެރިކަން ބޮޑުވި ސެޓަކަށެވެ.

މެޗުގައި ފުރަތަމަ މޮޅަށް ކުޅެ ލީޑުގައި އޮވެ ކުޅުނީ އަރީނާ އެވެ. އެހެންނަމަވެސް 1-3 އިން އަރީނާ ކުރިހޯދާފައިވަނިކޮށް ފަހަތުން އަރާ ބާޓީ މި މުބާރާތް ކާމިޔާބުކުރީ 3-6 އިންނެވެ.

ސިންގަލްސް ބައި ކާމިޔާބުކުރުމަށްފަހު ވާހަކަދައްކަމުން ބާޓީ ވަނީ މެޗުގައި އޭނާ އާއި އިދިކޮޅަށް ކުޅުނު އަރީނާގެ ކުޅުމަށް ތައުރީފުކޮށް ކޮމްޕެޓިޓިވް މެޗަކަށް މިމެޗު ހަދައިދިނީތީ ޝުކުރު އަދާކޮށްފައެވެ.

މިއީ 2019 ވަނަ އަހަރުގެ ފްރެންޗް އޯޕަން މުބާރާތް ކްލޭ ޕިޗެއްގައި ކާމިޔާބުކުރުމަށްފަހު ބާޓީ ކްލޭގައި ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. އެހެންނަމަވެސް އަދިވެސް މި މުބާރާތުގައި ބާޓީއަށް އިތުރު ކެޓަގަރީއެއް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ވިމެންސް ޑަބަލްސްގައި ބާޓީ އާއި އެމެރިކާގެ ޖެނިފަރ ބްރޭޑީ މި ކެޓަގަރީގެ ފައިނަލުގައި އެމެރިކާގެ ދެ ކުޅުންތެރިން ކަމަށްވާ ޑެސިރޭ އާއި ބެތަނީގެ ޕެއާ އާއި ވާދަކުރާނެއެވެ.