ޖަރުމަނުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެވެސް އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ހެޑް ކޯޗުގެ މަގާމަށް، އާރްބީ ލައިޕްޒިގުގެ ކޯޗު ހޫލިއަން ނަގެލްސްމަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ،

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން މިހާރުވެސް ލައިޕްޒިގަށް އިރުޝާދުދެމުން އަންނަ ޒުވާން ކޯޗު އެޓީމުން ބަޔާން އަށް ދޫކޮށްލާނީ 30 މިލިއަން ޔޫރޯގެ ރިކޯޑް ޓްރާންސްފަރ ފީއެއްގައެވެ. މި ޓްރާންސްފާ ވެގެންދާނީ ދުނިޔޭގައި ކުޅޭ ކުޅިވަރެއްގައި ކުލަބަކަށް އެންމެ އަގުބޮޑުކޮށް ކޯޗަކު ގެންނަން ހޭދަކުރެވޭ ޓްރާންސްފާ އަށެވެ.

ބަޔާންގެ ކޯޗު ކަމުގެ މަގާމުން އެޓީމާއިއެކު އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ހާންސީ ފްލިކް އިސްތިއުފާދޭން ނިންމާފައިވާކަން ހާމަކުރި ނަމަވެސް މިކަމަށް އެއްވެސް ކަހަލަ ރަސްމީ ސިފައެއް އަދި ގެނެވިފައެއް ނުވެއެވެ. ރިޕޯޓްތަށް ބުނާގޮތުން ކާމިޔާބު ކޯޗް، ފްލިކް މަގާމުން އިސްތިއުފާދޭން ނިންމާފައިވަނީ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރ ހަސަން އާއި ދެމެދު ޖެހިފައިވާ މައްސަލަތަކެއްގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި މިއަހަރުގެ ހޫނު މޫސުމަށްފަހު ޖަރުމަުގެ ކޯޗު ކަމުގެ މަގާމު ހުސްވުމާއިއެކު ފްލިކް އެ މަގާމަށް ގެނައުމަށް ޖަރުމަނުގެ ފުޓޫބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށާނެއެވެ.

އުމުރުން އެންމެ 33 އަހަރުގެ ނަގެލްސްމަން ބުންޑަސްލީގާގައި މިހާތަނަށް ދެ ޓީމަކަށް ކޯޗުކަން ކޮށްދީފައިވާއިރު އުމުރުން 28 އަހަރުގައި އޭނާ ވަނީ ހޮފަންހެއިމަށް އިރުޝާދު ދީފައެވެ. 3 އަހަރުދުވަހުގެ މުއްދަތެއް އެކުލަބާއިއެކު އޭނާ ހޭދަކޮށްފައިވާއިރު ރެލިގޭޝަން ޒޯނުގައި އޮތް ހޮފަންހެއިމް އޭނާގެ އިރުޝާދުގެ ދަށުން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާފައެވެ.

މީގެއިތުރުން 2019 ވަނަ އަހަރުން ފެށިގެން ލައިޕްޒިގުގެ ކޯޗުކަމުގެ މަގާމު ނަގެލްސްމަން ފުރަމުން އަންނައިރު އޭނާގެ އިރުޝާދުގެ ދަށުން އެޓީމު ވަނީ ޗެމްޕިއަްސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފައެވެ. އެގޮތުން 2019/2020 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ އިން ލައިޕްޒިގު ކެޓީ ވަރުގަދަ ޕީއެސްޖީ އަތުން ބަލިވުމުންނެވެ.