އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކޮށްފިއެވެ.

ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަ ގެ ނަމުން ނަންދެވިފައިވާ މި ނޭޗަރ ޕާކް މިއަދު ހުޅުވާފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިން އިސްނަގައިގެންނެވެ.

މިއީ މި ސަރަހައްދުގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިންގ ޕްލެޓްފޯމެއް ގާއިމްކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާއިރު، މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، އެ ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިނެއް ބަހައްޓާފައިވާނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދު އިތުރަށް ފެހި ކޮށްފައިވާކަންވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމިއުނޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ވަނީ މި ޕްރޮޖެކްޓް ހިންގުމުގައި އެންމެ އިސްކަމެއްދީފައިވާނީ އެ ސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްކަމަށް ބުނެފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.