އިންޑިއާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ޑަބަލް މިއުޓަންޓް ވޭރިއެންޓްގެ ސަބަބުން ނޭޕާލްގައި ހަލުވިކަމާއެކު ކޮވިޑްބަލި ފެތުރޭން ފަށައިފިއެވެ.

ސަރަހައްދީ ދިގު އިމަކުން އިންޑިއާއާ ގުޅިފައިވާ ނޭޕާލްގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،032 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ. މިއީ، މިއަހަރުގެ ތެރޭގައި އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަމީހުން ޕޮޒިޓިވްވި ފަހަރު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މިއާއެކު، ނޭޕާލުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 300،119 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 3،164 އަށް އަރާފައެވެ.

ނޭޕާލްގެ އެޕިޑެމިއޮލޮޖީ އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ވިދާޅުވީ، ޔޫކޭ ވޭރިއެންޓުގެ އިތުރުން، އިންޑިއާއިން ފެނިފައިވާ ޑަބަލް މިއުޓެންޓް ވޭރިއެންޓުވެސް ނޭޕާލުން ފެނިފައިވާ ކަމަށެވެ.

އަދި ނޭޕާލްގައި އިތުރު ވޭރިއެންޓްތައް އުޅޭތޯ ޗެކް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ނޭޕާލުގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، އިންޑިއާ މިހާރު ތަޖުރިބާ ކުރަމުންދާ ކަންތައްތައް ނޭޕާލްގައިވެސް މިހާރު ފެށިފައިވާ ކަމަށާއި، ހަފްތާއަކަށް މިކަން ދެމިގެން ހިނގައްޖެނަމަ ނޭޕާލްގައިވެސް ބަލިމީހުން އެޑްމިޓްކުރާނެ އެނދުތައް ނެތި، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.

ނޭޕާލްގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފަށާފައިވާއިރު، އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެގޮތުން، މިހާތަނަށް 1.9 މިލިއަން މީހުންނަށް ވެކްސިން ދީފައިވާއިރު، ނޭޕާލްގެ ރައްޔިތުންނަށް މުޅިންވެސް ޖަހާފައިވަނީ އިންޑިއާއާއި ޗައިނާއިން ދިން ވެކްސިނެވެ.

އެހެން ނަމަވެސް، އިންޑިއާއިންނާއި އަދި އެހެން ދިމާއަކުންވެސް އިތުރަށް ވެކްސިން ހޯދުމަށް ނޭޕާލުން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވުމުން، ވެކްސިން ޖެހުމުގެ ކަންކަން އިތުރަށް ކުރިއަށްދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް ވެކްސިން ހޯދުމަށް ނޭޕާލްވެސް ހިމެނޭގޮތުން ތަރައްގީ ވަމުން އަންނަ 90 އަށްވުރެ ގިނަ ގައުމުން ބަރޯވެފައިއޮތީ އިންޑިއާއަށެވެ. ދުނިޔޭގައި އެންމެ ގިނައި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަށެވެ.

ނަމަވެސް، އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އިންޑިއާ ސަރުކާރުން މިހާރު ނިންމާފައިވަނީ، އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް އިސްކަން ދިނުމަށެވެ.