އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، މެޑިކަލް ސާމާނާއި، އޮކްސިޖަނާއި، އެނޫންވެސް އިންޑިއާއަށް ބޭނުންވާ ކުއްލި އެހީ ދިނުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތައްޔާރުވާން ފަށައިފިއެވެ.

އިންޑިއާގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށްގޮސް، ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތައް ފުރި، މެޑިކަލް އޮކްސިޖަން ހުސްވެ ނުވަތަ އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ބޭރުގައި އެހީއަށް އެދި ބަލިމީހުން ތިބޭ މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ މުޅި ދުނިޔޭގެ ހަމްދަރުދީ އިންޑިއާއަށް ދަނީ އޮހެމުންނެވެ.

ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަނީ އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.

އިންޑިއާއަށް އެހީވުމުގެ ގޮތުން، އެމެރިކާ ސަރުކާރުގެ ފަރާތުން އެމެރިކާގެ ދިފާއީ ވުޒާރާއިން މިހާރު ތައްޔާރުވަމުންދަނީ އިންޑިއާއަށް އެހީ ފޮނުވުމަށް ތައްޔާރު ވަމުންނެވެ. އެމެރިކާއިން ފޮނުވާ ތަކެތީގެ ތެރޭގައި، ވެންޓިލޭޓަރާއި، ޕީޕީއީއާއި، ޓެސްޓްކިޓާއި، ތެރަޕިއުޓިކްސްވެސް ހިމެނެއެވެ.

ހަމަ އެއާއެކު، އަވަސް އެހީގެގޮތުގައި އިންޑިއާއަށް މެޑިކަލް އޮކްސިޖަނާއި، އެއާ ގުޅުންހުރި ސާމާނު ފޮނުވަން ވިސްނަމުންދާ ކަމަށްވެސް ވައިޓްހައުސްއިން ބުނެފައި ވެއެވެ.

އެމެރިކާއިން މިއަހަރުގެ ކުރީކޮޅުވަނީ، ވެކްސިން އުފެއްދުމާ ގުޅުންހުރި ރޯ މެޓިރިއަލް އިންޑިއާއަށް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. އެމެރިކާގެ އެ ނިންމުމުގެ ސަބަބުން ސިރިއަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި، ދުނިޔޭގައި ކޮވިޑް ވެކްސިން އުފައްދާ އެހެން ކުންފުނިތަކަށް އެއްޗެހި ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

މިކަމާހެދި، ސިރަމް އިންސްޓިޓިއުޓުގެ ސީއީއޯ އާދަރް ޕޫނާވާލާ މިމަހުގެ 16 ވަނަ ދުވަހު ވަނީ، ކޮވިޑް ވެކްސިން އުފައްދާ ރޯ މެޓީރިއަލް އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތް އޮތުން ބާތިލްކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް އާދޭސް ދަންނަވައި ޓްވީޓެއް ކުރައްވާފައެވެ.

އާދަރް ޕޫނާވާލާގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ކޮވިޑްބަލީގެ ދެވަނަ ރާޅުގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވަމުންދާއިރު، ބަލިން ދިފާއުވުމަށް ބޭނުންވާ ވެކްސިން އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑްކުގައި ގެންދެވޭން އޮތީ އެކަމަށް ބޭނުންވާ މެޓީރިއަލް ލިބޭގޮތް ވެގެން ކަމަށެވެ.

ވައިޓްހައުސްއިން އާދީއްތަ ދުވަހު ބުނެފައިވަނީ، އެމެރިކާއިން އަޅާފައިވާ ފިޔަވަޅުން ބައެއް ބާތިލްކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކޮވިޝީލްޑް ވެކްސިން އުފައްދަން މިވަގުތަށް އެންމެ މުހިންމު ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމެރިކާގެ އިތުރުން، ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތާއި، އަޔަރލޭންޑާއި، ފްރާންސާއި، ޕާކިސްތާނާއި، ރަޝިޔާއިންވެސް މިހާރުދަނީ އިންޑިއާއަށް ކުއްލި މެޑިކަލް އެހީ ފޮނުވުމަށް ތައްޔާރުވަމުންނެވެ.

އިންޑިއާ ސަރުކާރުގެ އެދުމަށް ޔޫރަޕިއަން ކޮމިޝަނުން މިހާރުވަނީ އީޔޫ ސިވިލް ޕްރޮޓެކްޝަން މެކޭނިޒަމް އެކްޓިވޭޓް ކޮށްފައެވެ. އެގޮތުން، އެ މެކޭނިޒަމްގެ ދަށުން އޮކްސިޖަނާއި ބޭސް އިންޑިއާއަށް ފޮނުވަން ދަނީ ތައްޔާރުވަމުންނެވެ.

ހަމަ އެއާއެކު، އިންޑިއާއަށް އެހީވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް މިހާރުވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން، އެތައްހާސް އޮކްސިޖަން ކޮންސެންޓްރޭޓަރސްއާއި، ޕްރީ ފެބްރިކޭޓެޑް މޮބައިލް ފީލްޑް ހޮސްޕިޓަލްތަކާއި، ލެބޯޓަރީ ސަޕްލައި ފޮނުވަންވެސް ދަނީ ތައްޔާރުވަމުންނެވެ.

ޑަބްލިޔޫއެޗްއޯގެ އެކިއެކި ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ 2،600 އެކްސްޕާޓުން މިހާރުވަނީ އިންޑިއާގެ ސިއްހީ ފަރާތްތަކަށް އެހީވުމަށް ފޮނުވާފައެވެ.

އިންޑިއާއިން ހޯމަދުވަހު އެކަނިވެސް 352،991 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު، 2،812 މީހުން ބަލީގައި މަރުވެފައި ވެއެވެ.

ފާއިތުވި ތިންދުވަހު އެކަނިވެސް އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.

އަލަށް ޕޮޒިޓިވްވާ މީހުން ގިނަވުމާއި، މަރުވާ މީހުންގެ އަދަދު މަތިވުމާއި، ބަލީގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، އިންޑިއާގެ ހޮސްޕިޓަލްތަކުން ދަނީ މެޑިކަލް އޮކްސިޖަން ހުސްވެ، ގިނަ ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތައްވެސް ވަނީ ފުރިފައެވެ.

ޑޮކްޓަރުންގެ އެހީތެރިކަމާއި، އޮކްސިޖަން ލިބޭނޭ ކަމުގެ އުންމީދުގައި އެތައް ހޮސްޕިޓަލެއްގެ ބޭރުގައި ބަލިމީހުން ބައިތިއްބައިގެ އާއިލާތަކުގެ މީހުން އެބަތިއްބެވެ.

އިންޑިއާގައި ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ވެރިރަށް ނިއުދިއްލީގައެވެ. ނިއުދިއްލީ މިހާރުވެސް އޮތީ ލޮކްޑައުންކޮށްފައެވެ.

އޮކްސިޖަން ލިބުން ލަސްވެގެން ހޮނިހިރު ދުވަހު އެކަނިވެސް ނިއުދިއްލީން 20 ކޮވިޑް ބަލިމީހުން މަރުވެފައި ވެއެވެ.

ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނިއުދިއްލީގެ ހުރިހާ ޑިސްޓްރިކްޓަކަށް އޮކްސިން ފޯރުކޮށްދިނުމަށް 551 ޕްލާންޓް ވަރަށް އަވަހަށް ބަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން އިންޑިއާގެ އެތައް ބައެއްގެ ނުރުހުން މައި ސަރުކާރަށް އަމާޒުވަމުން އެބަދެއެވެ. ބަލީގެ ހާލަތާ ގުޅޭ ކަންކަން އެއްފަރާތް ކުރައްވައި މޯދީ އަވަދިނެތި އުޅުއްވީ ސްޓޭޓްތަކުގެ އިންތިޚާބަށް ކެމްޕެއިން އެއްވުންތައް ބޭއްވުމުގައެވެ.