ކޮވިޑް-19 ގެ ބަލިމަޑުކަމާއި ސަރުކާރުން ކުރި ހޭދަ 3.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ އެކި ކަންކަމަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. މިއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު، 0.1 އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން މި މުއްތަދުގައި އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންގްސްއަށް، 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު މިއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު، 0.1 އިންސަންތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން މީހާތަނަށް އެންމެ ގިނަ ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންނެވެ. އެއޮތޯރިޓީން 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ދެވަނައަށް އެންމެ ބޮޑު ހޭދައެއް ހެލްތް މިނިސްޓްރީން ކޮށްފައިވާއިރު، އެމިނިސްޓްރީން ވަނީ 450.3 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މީގެއިތުރުން އައިޖީއެމްއެޗުން 99.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން 84.06 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ސިއްހީ ކަންތައްތަކަށް ކުރި ވަކިވަކި ހޭދަތަކުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެދާއިރާގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށެވެ. އެފަދަ ކަންކަމަށް 455.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެއިތުރުން މިފަދަ ބޭނުންތަކުގައި ދަތުރުކުރުމަށް 316.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ކެޕިޓަލް އިކުއިޕްމެންޓްގެ ގޮތުގައި 201.2 މިލިއަން ހަރަދުކޮށްފައި ވާއިރު، އޮޕަރޭޝަނަލް ސާވިސްގެ ގޮތުގައި 193.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

އެކި ފަރާތްތަކަށް އެހީއާއި ސަބްސިޑީގެ ގޮތުގައި 127.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އެލަވެންސްގެ ގޮތުގައި 128.8 މިލިއަން ރުފިޔާ ދީފައިވެއެވެ.

އިގްދިސާދީ ދާއިރާގެއިން ކުރި ހޭދައިގެ ތަފްސީލަށް ބަލާއިރު، އިންކަމް ސަޕޯޓްގެ ގޮތުގައި މިމަހުގެ 22 ގެ ނިޔަލަށް 22،786 މީހަކަށް 418 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އަދި ކޮވިޑް-19 ރިކަވަރީ ލޯންގެ ގޮތުގައި 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. މީގެތެރޭގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރި 585.9 މިލިއަން ރުފިޔާއާއި، އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރި 362.3 މިލިއަން ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން 46،392 ގެއެއްގެ ފެންބިލްގެ ޑިސްކައުންޓްގެ ގޮތުގައި، 10.2 މިލިއަން ރުފިޔާ ދީފައިވާއިރު، 98،722 ގެއެއްގެ ކަރަންޓުބިލް ޑިސްކައުންޓްގެ ގޮތުގައި 48.2 މިލިއަން ވަނީ ދީފައެވެ.

މާލޭއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމުން ފުރަމާލެ ސަރަހަށްދު ލޮކްޑައުންކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި މާލީ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.