ކޮވިޑް-19 ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު ދެލައްކައާ ގާތްކޮށްފިއެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން އާންމުކުރި ރަސްމީ ތަފާސްހިސާބުތައް ބުނާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 2،771 މީހުން ބަލީގައި މަރުވެފައި ވެއެވެ.

މިއަދަދާއެކު، ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު ދެލައްކައާ ގާތްކޮށްފައިވާއިރު، ވޭތުވެދިތަ 24 ގަޑިއިރުގެ ތެރޭގައި 323،144 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.

މިއީ، އިންޑިއާއިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެހިޖެހިގެން ތިންލައްކައިން މަތީގައި އުޅޭތާ 6 ވަނަ ދުވަހެވެ.

ހޯމަދުވަހަށްވުރެ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ތަންކޮޅެއް މަދުވި ނަމަވެސް، ޕޮޒިޓިވް ރޭޓް ދަށަށްދިޔައީ ނޫން ކަމަށާއި، މިއީ ޓެސްޓްކުރެވޭ ރޭޓް ދަށްވުމުން ނުކުތް ނަތީޖާއެއް ކަމަށް އިންޑިއާގެ ކަމާބެހޭ ތަޖުރިބާކާރުން ވިދާޚުވެއެވެ.

އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 17.64 މިލިއަނަށް މައްޗަށް ގޮސްފައެވެ.

އިންޑިއާގައި ކޮވިޑްބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު މަތިވެ، އައިސީޔޫ އެނދުތައް ފުރި، މެޑިކަލް އޮކްސިޖަން ނުލިބި ބަލިމީހުން މަރުވެ މުޅި ސިއްހީ ނިޒާމު މިހާރުވަނީ ވާގިނެތޭ ހިސާބަށް ގޮސްފައެވެ.

ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތައް ފުރި، މެޑިކަލް އޮކްސިޖަން ހުސްވެ ނުވަތަ އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ބޭރުގައި އެހީއަށް އެދި ބަލިމީހުން ތިބޭ މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ މުޅި ދުނިޔޭގެ ހަމްދަރުދީ އިންޑިއާއަށް ދަނީ އޮހެމުންނެވެ.

އަދި ދުނިޔޭގެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި، ދުނިޔޭގެ އެތައް ގައުމަކުން މިހާރު ވަނީ، އިންޑިއާއަށް އިމަޖެންސީ މެޑިކަލް އެހީ ފޮނުވަން ފަށާފައެވެ.

އެގޮތުން، އެކްސިޖަނާއި، ވެންޓިލޭޓަރާއި، ޕީޕީއީއާއި، ޓެސްޓްކިޓާއި އެނޫންވެސް އެތައް ސަމާނެއް ފޮނުވަން ފަށާފައިވާއިރު، އިންޑިއާއަށް ކޮވިޑް ވެކްސިން ފޮނުވަންވެސް ބައެއް ގައުމުތަކުން ތައްޔާރުވަމުން އެބަދެއެވެ. އެގޮތުން، ރަޝިޔާއިން ފޮނުވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިފެށޭ މައިމަހުގެ ފުރަތަމަ ދުވަހު ލިބޭނޭ ކަމަށް ވެއެވެ.

އަނެއްކޮޅުން، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާތީ، ހޮސްޕިޓަލްތަކަށް އެހީވުމަށް ނުކުތުމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާރުވަނީ ނިންމާފައެވެ. ހަމަ އެއާއެކު، ބަލީގައި މަރުވާ މީހުންގެ ހަށިތައް އެންދުމުގެ މަސައްކަތަށްވެސް ގޮންޖެހުންތައް ކުރިމަތިވެފައިވާތީ އެކަމުގައިވެސް އެހީތެރިކަން ދިނުމަށް ސަލާމަތީ ބާރުތަކުން ވަނީ ނިންމާފައެވެ.