ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައިވަނީ އަންނަ މެއި 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު 2021 އެޕްރީލް 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިފުރުސަތުގައި ރަޖިސްޓަރީ ވާނީ ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ލ. ކަލައިދޫ ރައްޔިތުން އެކަނި ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ރަށްރަށުގެ ތެރެއިން ރަށަކަށް ނުވަތަ މާލެއަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ މީހުންނަށް އެކަނި ކަމަށްވެސް ކޮމިޝަނުން ނެރުނު އިއުލާނުގައި ވެއެވެ.

އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މިމުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކުރެވިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައި ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.