ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ކޮވިޑް ބަލިން ފަސޭހަފުޅު ވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މެޑަމް ފަޒްނާ، އެކަމަނާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައެވެ.

މެޑަމް ފަޒްނާ ވިދާޅުވެފައިވަނީ، އެކަމަނާ މިހާރު ކޮވިޑް ބަލިން ފަސޭހަފުޅުވެފައިވާ ކަމަށާއި އެކަމަނާއަށް ހެޔޮދުއާ ކޮށްދެއްވި އެންމެންނަށް ހިތުގެ ފުންމިނުން ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

އަދި އެކަމަނާގެ އާންމު ހާލަތުވެސް ރަނގަޅު ކަމަށް އެ ލިޔުއްވުމުގައި ވެއެވެ.

މެޑަމް ފަޒްނާ އަހުމަދު ކޮވިޑް-19 ޕޮޒިޓިވްވި ކަން އެކަމަނާ ހާމަކުރެއްވި މިމަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު 300 އިން މަތީގައި އުޅޭއިރު، މި ބައްޔަށް މިހާތަނަށް ސަރުކާރުގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސިޔާސީ މައިދާނުގެ ބައެއް އިސް ބޭފުޅުންވެސް ޕޮޒިޓިވް ވެފައި ވެއެވެ.

އޭގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުއާ މަޖިލިސް މެމްބަރު އަލީ އާޒިމް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު އާއި އަދި އެނޫންވެސް ގިނަ ބޭފުޅުން ހިމެނެއެވެ.

އިއްޔެވެސް ރާއްޖެއިން އިތުރު 328 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެފައި ވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 167 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 127 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 10 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 24 މީހަކު ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށްތަކަށެވެ.