ޗެމްޕިއަމްސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ޗެލްސީގެ ކުރިމަތިލުން އެއްވަރުވިއިރު ޗެލްސީއަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން ވިންގަރ، ކްރިސްޓިއަން ޕުލިސިޗް ތާރީހީ ޝަރަފެއް ހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު 1-1 އިން އެއްވަރުވިއިރު މި މެޗުގައި ޗެލްސީގެ ލަނޑު ކާމިޔާބުކޮށްދިނީ ޕުލިސިޗް އެވެ. މި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ފުޓުބޯޅައިގެ ތާރީހުގައިވެސް ރެއާލް މެޑްރިޑު ކޮޅަށް ލަނޑެއްޖެހި އެމެރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެއިތުރުން މި ލަނޑާއެކު ޕުލިސިޗް އަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައިވެސް ލަނޑެއް ކާމިޔާބުކުރި ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ އަށެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ލަނޑުޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުނެ މި ތާރީހީ ޝަރަފު ހާސިލްކުރުމަށް ޕުލިސިޗް ޖެހި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީ މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިއީ ރެއާލްގެ ކީޕަރުވެސް ނައްޓާލުމަށްފަހުގައި ޕުލިސިޗް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ރެއާލް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން ޕުލިސިޗް ލަނޑުޖެހުމަށް މަސައްކަތް ކުރަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

އަވޭ އެޑްވާންޑޭޖް ހޯދުމުގެ ހިތްހަމަޖެހުމުގައި ކުޅެމުންދިޔަ ޗެލްސީއަށް މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުަމަށް އިތުރު މަސައްކަތްތަކެއް ކުރުވަން ޖެއްސީ މެޗުގެ 28 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް، ކަރިމް ބެންޒެމާ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

މި ނަތީޖާއާއިއެކު ދެވަނަ ލެގުގެ ފޯރި އިތުރަށް ބޮޑުވެގެންދާނެއިރު މި ދެޓީމު ވާދަކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ މެއި މަހުގެ 5 ވަނަ ދުވަހު ޗެލްސީގެ އަމިއްލަ ދަނޑުގައެވެ. އެހެންކަމުން އަވޭގައި އެއްވަރުކޮށްލެވުމުގެ އިތުރަށް ލަނޑެއް ކާމިޔާބުކުރެވުން މިއީ ދެވަނަ ލެގުގައި ޗެލްސީއަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.