2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޕެންޑަމިކުގެ ސަބަބުން ފަސްކުރެވުނު ޔޫރޯ 2020 ފުޓުބޯޅަ މުބާރާތަށް ގައުމުތަކުން އެކުލަވާލާ ޓީމް ލިސްޓުގައި 26 ކުޅުންތެރިން ހިމެނުމުގެ ހުއްދަ ދީފިއެވެ.

ޔޫރަޕް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މި މުބާރާތުގެ ބައެއް ގަވައިދުތަކަށް، ކޮވިޑުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ހެޔޮ ބަދަލުތަކެއް ގެންނަމުން އަންނައިރު ކުރިން 23 ކުޅުންތެރިން ޓީމް ލިސްޓުގައި ޖެހުމަށް އޮތް އޮތުން ބަދަލުކޮށް ޔުއެފާއިން ވަނީ 26 ކުޅުންތެރިން ޓީމް ލިސްޓުގައި ޖެހުމުގެ ހުއްދަ ދީފައެވެ.

މި ނިންމުން ޔޫއެފާ އިން ނިންމީ ޕެންޑެމިކުގެ ސަބަބުން ލީގުތަކުގެ މެޗުތަށް ގާތް ގާތުގައި ކުޅެންޖެހުމުން ކުޅުންތެރިންނަށް އެކަމުން ކުރާނެ ނޭދެވޭ އަސަރުތަކަށް ޔޫރޯގައި ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެ ބޭނުމުގައެވެ. އަދި މެޗުތަކަށް ޓީމު އެކުލަވާލާއިރު މުބާރާތުގެ ތެރެއިންވެސް ކުޅުންތެރިޔަކު ޓީމުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، އެޓީމަކަށް މެޗުގެ ޓީމް ލިސްޓު އެކުލަވާލުމުގައި ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.

އެހެންނަމަވެސް ޔޫއެފާގެ ނެޝަނަލް ޓީމުތަކާއި ބެހޭ ކޮމިޓީއިން މި ނިންމުން ނިންމިޔަސް މިކަމަށް ރަސްމީ ސިފައެއް ގެނެވޭނީ އެ އިދާރާގެ ރޫލިންގ އެގްޒެކިއުޓިވް ކޮމިޓީއިން އެކަން ފައިނަލް ކުރުމުންނެވެ.

މީގެކުރިން ޔުއެފާއިން ވަނީ ޔޫރޯގައި ކޮންމެ މެޗެއްގައިވެސް ކޮންމެ ޓީމަކަށް ފަސް ކުޅުންތެރިން ބަދަލުކުރެވޭނެހެން ގަވައިދަށް ބަދަލުގެނެސްފައެވެ. މި ބަދަލަކީވެސް ކުޅުންތެރިންނަށް އަރާމުކޮށް ރިކަވާ ވުމަށް ވަގުތު ދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް ޔޫއެފާއިން ވަނީ ހާމަކޮށްފައެވެ.

ފުޓުބޯޅައަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން އިންތިޒާރުކުރަމުންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. އަދި މުބާރާތަށް ގައުމުތަކުން އެކުަލަވާލާ ޓީމް ލިސްޓު ހުށަހަޅަންޖެހޭ ސުންގަޑިއަކީ ޖޫން މަހުގެ 1 ވަނަ ދުވަހެއެވެ.