ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކުރުމާމެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސަރވިސަސް އިން ބުނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމާމެދު ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށާ ނަމަވެސް އަދި އެއްވެސް ރަސްމީ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންވެސް ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ވާހަކަދައްކަވާފައިވެއެވެ.

ރައީސް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ސިޓީއެއްވެސް ލިބިފައިވާކަމަށެވެ. ޞިއްހީ ބައެއް ކަންތައްތަކުގެ ވާހަކަވެސް އެސިޓީގައި ފާހަގަކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

އަދި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕާވެސް ރައީސް މީގެ ތިން ހަތަރު ދުވަސް ކުރިން ބައްދަލުކުރައްވާފައިވާކަމަށެވެ. އެބޭފުޅުންގެވެސް އެންމެބޮޑު އެދިވަޑައިގަތުމަކީ، ރައީސް ޔާމީނަށް ލުޔެއް ހޯދައިދިނުންކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ދޭތެރޭގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަަމަށް ރައށީް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެކަމަށްވެސް ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ދައުވާ ސާބިތުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވުމުންނެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ނިންމުމަށް ވަނީ ތާއީދުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ތާއީދު ލިބުމުން ރައީސް ޔާމީންގެ ފަރާތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރި ކަމުގެ މައްސަލައިގެ ހުކުމް ރައީސް ޔާމިން މިހާރު ތަންފީޒުކުރަމުންދާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައިވެސް މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަމުގެ ދައުވާ ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.