ރޭ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

"ދޭތިން އެކައްޗަށް" މި ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ނުވަ މީހުންވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އުސޫލުތަކާއި ހިލާފުވެގެން ކަމަށްބުނެ 1000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

އިދިކޮޅުން ރޭ މުޒާހަރާކޮށްފައިވަނީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަމަޟާން މަހަށް ގެއަށް ބަދަލުކުރާނެ ކަމަށް ސަރުކާރުން ބުނުމަށްފަހު އަދިވެސް އެކަން ކޮށްފައި ނުވާތީއެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް މޯލްޑިވްސް ކަރެެކްޝަނަލް ސާވިސްއިން މީގެކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މަރަޟާން މަހުގެ ފުރަތަމަ 10 އެއް ނިމިގެން ދިޔަ އިރުވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި ނުވާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ 2019 ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ދައުވާ ސާބިތުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވުމުންނެވެ.