ބަދަލުވަމުންދާ ބައިނަލްއަގްވާމީ ސަލާމަތީ ވެށީގައި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް، ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޮރ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، އެޤައުމުން ހަދިޔާކުރި "އެންޓި-ޓެރަރިޒަމް އިކުއިޕްމަންޓް" ހަވާލުކުރުމަށްޓަކައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކާއި އެއްގަމު އުޅަނދުތަކުގެ ބޭނުންތެރިކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ހެވީ ޑިއުޓީ ވެހިކަލްތަކާއި، މޯބައިލް އެކްސްރޭ ސްކޭނަރާއި، ލިކުއިޑް ސްކޭނަރާއި، ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓަރ ފަދަ އާލާތްތަކުގެ ސަބަބުން، ނުރައްކަލުގެ ޙާލަތްތައް މެދުވެރިވިޔަ ނުދީ، އެފަދަ ކަންކަމަށް ދުރާލައި ތައްޔާރުވެ، ސްކްރީނިންގ، ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން ކުރަމުންދާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ޢަމާޒަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާންކަމުން ޒީނަތްތެރިވެފައިވާ ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން އިރާ ކުދިކުދިކޮށްލުން ކަމަށް ވާއިރު، މިނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެއް ޖަޕާނުން ހަދިޔާކުރި ކުރުމުން ދޭހަވަނީ، އެގައުމުގެ ސަރުކާރާއި ރައްޔިތުން، އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލާއި، އެވްސެކޮމްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.