ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް ކުރިހޯދާ، މެންޗަސްޓަރ ސިޓީން މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބުކުރީ ޕީއެސްޖީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށްގެންނެވެ. އަވޭ މެޗުގައި ލިބުނު މި މޮޅާއެކު ސިޓީ އަށް ދެވަނަ ލެގާއި ކުރިމަތިލާއިރު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕީއެސްޖީން ލީޑު ނެގީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައެވެ. މިއީ އެންހެލް ޑިމަރިޔާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އިތުބާރު ޑިފެންޑަރު މާކީނިއޯސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން އެޓީމުން ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޫނޭ އެވެ. އަދި މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު 71 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިޓީން މި މެޗު ކާމިޔާބުކޮށްފައިވާއިރު ވާދަވެރި ކުޅުމެއް ފެނިގެންދާނެ ސެމީ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު 00:00 ގައެވެ. މި މެޗު ކުޅޭނީ ސިޓީގެ ދަނޑުގައެވެ.