ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ ވަރުގަދަ ވެލެންސިއާ އާއި ފާއިތުވި ސީޒަނުގެ ލީގުގެ ދެވަނަ ހޯދި އީގަލްސްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

އާދައިގެ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެންނަމަވެސް ދެ ޓީމަށްވެސް ވަނީ މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.

އެގޮތުން މެޗުގެ ވަރަށް ކުރީކޮޅުގައި އީގަލްސްގެ ބިދޭސީ ފޯވާޑް އެލްސައީދު މަހްމޫދަށް ވަނީ ލަނޑެއް ޖެހުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު މި ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.

އޭގެ ހަ މިނެޓުފަހުން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފައެވެ އެހެންނަމަވެސް އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަނަ ހާފުގައިވެސް ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި އިރު މިހާފުގައިވެސް ދަގަނޑޭ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެހެންނަމަވެސް މިހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ އީގަލްސްގެ ކީޕަރު މުހައްމަދު ތޯހާއެވެ. އަދު އޭގެފަހުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެންޓޯނިއޯ ސޯލާ ފޮނުވާލި ހަމަލާއަށްވެސް ހުރަސްއެޅީ ތޯހާއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު، މުހައްމަދު ޝާޒްލީ ވަނީ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަން ފާޅުކޮށްފައެވެ. އަދި ވެލެންސިއާ ފަދަ ވަރުގަދަ ޓީމެއް ހުއްޓުވާ މެޗުން ޕޮއިންޓެއް ހޯދުމުން ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

ވެލެންސިއާގެ ކޯޗް، މުހައްމަދު އާތިފް (އާތި) ބުނީ ފުރަތަމަ ހާފުގައި ވެލެންސިއާއިން ވަރަށް ރަނގަޅަށް ކުޅުން ކަމަށާއި މިހާފުގައި ވެލެންސިއާއަށް ލަނޑު ޖަހަން ފުރުސަތުތަކެއްވެސް ލިވުނު ކަމަށެވެ. އެހެންނަމަވެސް މި ފުރުސަތުތަށް ގޯލަށް ވަނުމަށް ހުރަހަކަށްވީ ނަސީބު ކަމަށްވެސް އާތި ބުންޏެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 14 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 17 ޕޮއިންޓާއެކުއެވެ.