ދުޅަހެޔޮ ސިއްހަތަކަށް ނިންޖަކީ އިންސާނާ އަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި ނިދި ނުލިބިއްޖެނަމަ އެއީ ސިއްހަތަށް ނުރައްކާތެރިކަމަކަށްވެސް ވެދާނެއެވެ.

ނަމަވެސް އެރަށަކަށް ދިއުމަށްފަހު ކޮންމެ މީހަކުވެސް އެ ނިންޖަކަށް ކަންޓްރޯލް ނުކުރެވި، ބޭއިޚްތިޔާރުގައި ނިދުމަކީވެސް ނުރައްކާތެރި އެތައް ކަމަކަށް މަގުފަހިވެދާނެކަމެކެވެ.

ބުނެވޭގޮތުގައި ކަޒަކްސްތާންގެ ސިޓީއެއް ކަމުގައިވާ ކަލާޗީއަކީ، އެރަށަކަށް ދިއުމަށްފަހު ކޮންމެ މީހަކަށްވެސް އާދަޔާޚިލާފު ނިންޖެއް ގެނުވައިދޭ ރަށެކެވެ. އެރަށަށް ދާ ކޮންމެ މީހަކީވެސް، ނިދީގެ އެތަށް ހާދިސާތަކަކާއި ކުރިމަތިލާފައިވާ ބައެކެވެ. މިސަބަބާއިހުރެ ކަލާޗީ މަޝްހޫރުވެފައިވަނީ "ސްލީޕީ ވެލީ" ގެ ނަމުންނެވެ.

ކަލާޗީގައި ދިރިއުޅޭމީީހުންނަށާއި، އެރަށަށް ދާ މީހުނަށް އާދަޔާ ޚިލާފަށް ނިދިއަންނަނީ ކީއްވެކަން ސައިންޓިސްޓުންވެސް ދަނީ ހޯދަމުންނެވެ. މިގޮތުން ބައެއް މީހުން މަގުމަތިން ހިނގާފައި ދާއިރުވެސް ނިދިއައިސް ގައިން ވަރު ދޫވެ ވެއްޓެއެވެ. ބައެއް މީހުން އެއްގަމު އުޅަނދު ދުއްވުމުގައި އުޅެނިކޮށްވެސް ނިދިއައިސްގެން ވެއްޓެއެވެ. އަދި ބައެއް މީހުން ވާހަކަ ދައްކަން ހުންނަ ގަޑިއާއި، ގޭތެރޭގެ އެކި މަސައްކަތުގައި ނުވަތަ ރީތިކޮށް ހުންނައިރުވެސް ނިދެއެވެ.

ނިދިއައިސް ވެއްޓޭ ވަގުތުން ފެށިގެން 3 ދުވަހާއި 5 ދުވަހާއި ދެމެދުވެސް ނިދީގައި ހޭދަވެއެވެ. އަދި މިކަމުގެ ހައިރާންކަން އިތުރުވީ، ހާދިސާ ދިމާވި މީހަކަށް، ހާދިސާއާއި ގުޅޭ އެއްވެސް ކަމެއް، ނުވަތަ ހާދިސާގެ ކުރިން ކުރި ހިނގި އެއްވެސް ކަމެއް ހަނދާންނެތުމެވެ.

އަދި އިންސާނުން ފިޔަވައި ޖަނަވާރުންނަށްވެސް ވަނީ މިކަމުގެ އަސަރު ކޮށްފައެވެ. ނަމަވެސް ޖަނަވާރުންނަށް މިފަދަ ހާދިސާތައް ދިމާވެފައިވާއިރު، އިންސާނުންނާއި ޚިލާފަށް ޖަނަވާރުންގެ އުޅުން ތަފާތެވެ. މިގޮތުން މި ހާދިސާ ދިމާވި މާކުއަސް ނަމަކަށް ކިޔާ ބުޅަލެއްގެ އުޅުމަށް ބަދަލުތަކެއް އައިސް ރުޅިގަދަވެ ހަލަނިވިކަމަށާއި، އެދުވަހުގެ ހަވީރު މާކުއަސް އިންސާނެކޭ އެއްފަދައިން ގުގުރި ދަމައި ނިދި ކަމަށް އެބުޅަލުގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

އެކިފަހަރުމަތިން މީހުނަށް ދިމާވި މިފަދަ މައްސަލަތައް ބޮޑުވުމާއި ގުޅިގެން އެރަށުގެ ގިނަ ރައްޔިތުން ވަނީ ކައިރި އެހެން ރަށްރަށަށް ހިޖުރަވެސް ކޮށްފައެވެ.

މިމައްސަލައިގެ ހައްލު ހޯދުމަށް ޑޮކްޓަރުންނާއި ސައިންޓިސްޓުން ގުޅިގެން ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތްތައްވެސް ދިޔައީ ނާކާމިޔާބުވެގެންނެވެ. މިކަމަކީ ކިހިނެއްވެގެންވާ ކަމެއްކަން ބެލުމަށްޓަކައި، ސައިންޓިސްޓުން ވަނީ 7000 އަށްވުރެ ގިނައިން އެރަށުގެ ވެއްޔާއި، ފެނާއި، ހާދިސާ ދިމާވާ މީހުންގެ ލެޔާއި އިސްތަށިން ޓެސްތުހަދާފައެވެ. ނަމަވެސް މިކަމުގެ ހަގީގަތް ހޯދުމަށް އުންމީދުކަނޑައިނުލައި ސައިންޓިސްޓުންނާއި ޑޮކްޓަރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.