އިންޑިއާއިން ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު 18 މިލިއަނަށް އަރައިފިއެވެ.

މިއަދު އެކަނިވެސް ގާތްގަނޑަކަށް 380،000 އަށްވުރެ ގިނަ މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު، މިއީވެސް ދުނިޔޭގެ ގައުމަކުން އެއް ދުވަހެއްގައި އަލަށް ޕޮޒިޓިވްވި މީހުންގެ ރެކޯޑެކެވެ.

ވޭތުވެދިޔަ މުޅި ހަފްތާގައިވެސް އިންޑިއާއިން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ތިން ލައްކައިން މަތީގައެވެ.

ބަލި ޖެހުނު މީހުންގެ އަދަދު 18.38 މިލިއަނަށް އަރާފައިވާއިރު، މިމަހު އެކަނިވެސް ބަލިޖެހުނު މީހުންގެ އަދަދު 6 މިލިއަނަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ބުނާގޮތުން، މިއަދު އެކަނިވެސް ކޮވިޑްބަލީގައި 3،645 މީހުން މަރުވެފައި ވެއެވެ. މިއީ، އެއްދުވަހެއްގައި ބަލީގައި އެންމެ ގިނަމީހުން މަރުވި ފުރަތަމަ ފަހަރުވެސް މެއެވެ.

އިންޑިއާގައި ކޮވިޑްބަލި މިހާ ބާރަށް ފެތުރެމުންދާ މައިގަނޑު ސަބަބެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަނީ، އިންޑިއާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓާއި، އަދި އިންޑިއާގައި ބާއްވާ ސިޔާސީ އަދި ދީނީ އެކިއެކި އެއްވުންތަކެވެ.

ބަލިމީހުން ގިނަވެ، ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، އިންޑިއާ މިހާރުވަނީ އޮކްސިޖަނާއި، ބޭހަށް ޖެހިފައެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ، ކޮވިޑްބަލީގެ ދެވަނަ ރާޅުން ސަލާމަތްވުމަށް އޮތް ހަމައެކަނި އުންމީދަކީ ވީހާވެސް އަވަހަކަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުން ކަމަށެވެ.

އިންޑިއާ ސަރުކާރުން މިހާރުވަނީ، އުމުރުން 18 އަހަރުން މަތީގެ އެންމެން ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އެ ހުރިހާ އެންމެނަށް ވެކްސިން ޖަހަން ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ކޮވިޑް ވެކްސިން އުފައްދާ ގައުމު ނަމަވެސް، އިންޑިއާއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 600 މިލިއަން މީހުންނަށް ބޭނުންވާ މިންވަރާ ގާތަށްވެސް އިންޑިއާގައި ވެކްސިން ސްޓޮކް ކުރެވިފައި ނެތްކަމަށް ވެއެވެ.

އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެގޮތުން، މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވަނީ އާބާދީގެ އެންމެ 9 އިންސައްތަ މީހުންނަށެވެ.

ފުރަތަމަ ވެކްސިން ޖަހަމުން ގެންދަނީ، ސިއްހީ މަސައްކަތްތެރިންނާއި، އުމުރުން ދުވަސްވީ މީހުންނަށް އެކަންޏެވެ.

އުމުރުން 18 އަހަރުން މަތީގެ އެންމެން ވެކްސިން ޖަހަން ރަޖިސްޓަރީ ކުރުމަށް ހުޅުވާލިއިރު، ވެބްސައިޓަށް މައްސަލަޖެހި އެތައްބަޔަކަށް ރަޖިސްޓަރީ ނުވެވިގެން ސޯޝަލް މީޑިއާގައި ޝަކުވާވެސް ކުރަމުން ގެންދެއެވެ.

ސަރުކާރުން ބުނެފައިވަނީ، މިހާތަނަށް 6 މިލިއަން މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ވެކްސިން ޖެހުމަށް ފުރުސަތު ދެވުނީ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ.