• ރައީސް ޔާމީން ގެއަށް ބަދަލުކުރީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ވަގުތީގޮތުން: ކަރެކްޝަންސް

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލު ކޮށްފިއެވެ.

ރައީސް ޔާމީން ގެއަށް ގެނެސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށްޓަކައި މާފުށީ ޖަލުން މާލެ ގެނައުމަށް ފުރާފައިވަނީ މާފުށީގައި ރޯދަ ވީއްލައިގެން އޭގެ އިރުކޮޅެއް ފަހުންނެވެ.

ރައީސް ޔާމީން ގޭ ބަންދަށް ބަދަލުމިކުރީ، އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމާ ގުޅޭގޮތުން ތަފާތު އެތައް ވާހަކަތަކެއް ދެކެވުމަށް ފަހުގައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމައިފި ކަމުގެ ޚަބަރުތައް މީޑިއާއިން ފަތުރަމުން ގެންދަނިކޮށް، ކަރެކްޝަނަލް ސަރވިސަސް އިން އިއްޔެ ބުނެފައިވަނީ، ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމާމެދު ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށާ ނަމަވެސް އަދި އެއްވެސް ރަސްމީ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ކަރެކްޝަންސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްއްޔޫމް ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ސިޓީއެއް ލިބިފައިވާ ކަމަށާއި، ސިއްހީ ބައެއް ކަންތައްތަކުގެ ވާހަކަވެސް އެސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕާވެސް ބައްދަލުކުރެއްވި ކަމަށާއި، އެ ބޭފުޅުންގެވެސް އެންމެބޮޑު އެދިވަޑައިގަތުމަކީ، ރައީސް ޔާމީނަށް ލުޔެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާ ދޭތެރޭގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަަމަށް ޕްރެސް ކޮންފަރެންސްގައި ރައީސް ސާލިހް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.