ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަކީ ކާކުކަން، ފުޓުބޯޅަ ބަލާ އަދި މި ކުޅިވެރަށް ޝައުގުވެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެނގޭނެއެވެ. އެހެންނަމަވެސް އޭނާ މިހާރު ހުރި ހިސާބަށް އައުމުގެ ކުރިން އޭނާ ކުރި މަސައްކަތާއި މިހާރު އޭނާގެ މިލްކިއްޔާތުގައި ހުރި މިންވަރުގެ އިތުރުން ފުޓުބޯޅައިގައި އޭނާއަކި ކިހާ ނުފޫޒުގަދަ ފަރާތެއްކަން ފަހަރެއްގައި އެންމެނަސް ނޭނގިދާނެއެވެ.

1947 ވަނަ އަހަރުގެ މާޗު މަހުގެ 8 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑުގެ އަވަށަކަށް އުފަން ފްލޮރެންޓީނޯ ޕެރޭޒް ރޮޑްރިގޭޒް އަކީ ކޮންސްޓްރަކްޝަން ދާއިރާއިން ކުރިއެރުންތަކެއް ހޯދާ މުއްސަނދިވި ސްޕެއިންގެ ބިލިއަނަރެކެވެ.

ޕޮލިޓެކްނިކް ޔުނިވާސިޓީ އޮފް މެޑްރިޑުން ތައުލީމު ހާސިލުކުރުމަސްފަހުގައި ސިވިލް އިންޖިނިއަރެއްގެ ގޮތުގައި އެތައްދުވަހެއް ހޭދަކުރުމަށްފަހު ޕެރޭޒްގެ ދިރިއުޅުމަށް މިހާރު ލިބިފައިވާ ތަނަވަސްކަމުގެ އަސްލަކީ އޯސީޕީ ކޮންސްޓްރަކްޝަންސް އެވެ. އެހެންނަމަވެސް އޭގެކުރިންވެސް މި ކުންފުނީގެ އިސް މަގާމުތައް އޭނާ ފުރާފައިވާއިރު އޭނާގެ އަމިއްލަ ވިޔަފާރިއެއްވެސް އޮވެއެވެ.

މީގެއިތުރުން 1979 ވަނަ އަހަރު ޔޫނިއަން އޮފްދަ ޑިމޮކްރަޓިކް ސެންޓަރ ޕާޓީގެ ފަރާރުން މެޑްރިޑުގެ ސިޓީ ކައުންސިލުގައިވެސް އޭނާ ތަމްސީލުކޮށްފައިވާއިރު އޯސީޕީގެ ވައިސް ޕްރެސިޑެންޓަކަށް ޕެރޭޒް އައްޔަންކުރި 1993 ވަނަ އަހަރުއެވެ. އެހެނެނަމަވެސް އޭގެ 4 އަހަރުފަހުން އެކުންފުންޏާއި އިތުރު ކޮންސްޓްރަކްޝަނެއް އެއްކޮށްލުމަށްފަހު އުފެއްދި އައު ކުންފުނީގެ ރައީސް އެއްގެ ގޮތުގައި ހަމަަޖައްސާފައިވަނީ ޕެރޭޒް އެވެ.

1997 ވަނަ އަހަރު އުފެދުނު އޭސީޕީ ކުންފުނީގެ ރައީސްގެ މަގާމު ޕެރޭޒް ފުރަމުން އަންނައިރު މިއަދު އެ ކުންފުންޏަކީ ސްޕެއިންގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެވެ. އަދި މިއަދު އެ ކުންފުނީގެ ރައުސުލްމާލުގައި 2.3 ބިލިއަން ޑޮލަރު އެބަހުރިކަމަށް ސްޕެއިންގެ މީޑިއާއިން ރިޕޯޓްކުރެއެވެ. މިހާރު ޕެރޭޒް އަކީ އެ ކުންފުނީގެ ޗެއާމަންގެ އިތުރުން ސީއީއޯވެސް މެއެވެ.

ކާމިޔާބު ވިޔަފާރިވެރިއެއްގެ އިތުރުން ކާމިޔާބު ސިޔާސީ ހައިސިއްޔަތެެއްގައި ހަރަކާތްތެރިވަމުން އައި ޕެރޭޒް، ރެއާލް މެޑްރިޑުގެ ރައީސްކަމަށް އެންމެ ފުރަތަމަ ކުރިމަތިލާފައިވަނީ 1995 ވަނަ އަހަރުއެވެ. އެ އަހަރުގެ އިންތިހާބުގައި އޭނާ ވަނީ ރެމޯން މެންޑޯޒާ އާއި ވާދަކޮށް ބަލިވެފައެވެ. އެހެންނަމަވެސް 2000 ވަނަ އަހަރު އައު ހިތްވަރަކާއި ވަރުގަދަ ވައުދުތަކަކާއިއެކު ޕެރޭޒް މި މަގާމަށް އަލުން ކުރިމަތިލާ، ވޯޓުލީ މީހުންގެ 94.2 އިންސައްތަ ވޯޓާއި އެކު ވަނީ މި މަގާމު ކާމިޔާބުކޮށްފައެވެ.

އެގޮތުން ޕެރޭޒްވީ އެންމެ ބޮޑު ވައުދަކީ އޭރު ރެއާލް މެޑްރިޑް މާލީގޮތުން އޮތް ވަޅުގަނޑުން ސަލާމަތް ކޮށްދީ، ވާދަވެރި ބާސެލޯނާ އަށް ކުޅެމުން އަންނަ ލުއިސް ފީގޯގެ އިތުރުން ދުނިޔޭގެ ފެންވަރުގެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންތަކެއް އެކުަލަބަށް ގެންނަންވީ ވައުދެވެ. އަދި އޭނާ ވަނީ މި ވައުދު ފުއްދާ، ފީގޯގެ އިތުރުން ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗް، ޒައިނެއްދީން ޒިދާން އާއި ބްރެޒިލްގެ ރޮނާލްޑޯގެ އިތުރުން ޑޭވިޑް ބެކަމް އާއި މައިކަލް އޮވެން އަދި ރޮބީނިއޯ އެޓީމަށް ބޮޑު އަގުގައި ގެނެސްފައެވެ.

ރައީސް ކަމުގެ މަގާމަށް ޕެރޭޒް އިންތިހާބުވިތާ 6 އަހަރުގެ ތެރޭގައި ރެއާލް އިންވަނީ ސްޕެނިޝް ލަލީގާ ދެ ފަހަރު، އަދި ޔޫރަޕިއަން ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާގެ ފުރަތަމަ ދައުރުން އިސްތިއުފާދީފައިވަނި 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއަށްފަހުގައި ދެން ދެވަނަ ދައުރަކަށް ޕެރޭޒް ރެއާލްގެ ރައީސްކަމަށް އިންތިހާބުވީ 2009 ވަނަ އަހަރުގައެވެ. އަނެއްކާވެސް ޕެރޭޒް މަގާމަށް އިންތިހާބުވުމާއެކު ގިނަ އަދަދެއްގެ އަގުބޮޑެތި ކުޅުންތެރިންތަކެއް ރެއާލް މެޑްރިޑަށް ވަނީ ސޮއެ ކޮށްފައެވެ.

އެގޮތުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން، ކަރިމް ބެންޒެމާ، ކަކާ، ބޭލް، ޑި މާރިއާ، މެސަޓް އޮޒިލް އަދި ޒަބީ އެލޮންސޯ ފަދަ ކުޅުންތެރިންގެ ސޮއެ ރެއާލް މެޑްރިޑުން ވަނީ ހޯދާފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބޮޑު އެއް ކުލަބަށް ރެއާލް މެޑްރިޑު ހަދައިދިން ޕެރޭޒް އަކީ ޔޫރަޕު ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ. އެގޮތުން ޔޫރަޕު ފުޓުބޯޅައިގެ ގިނަ ކަންތައްތަކަކަށް ޕެރޭޒްގެ ބާރު ފޯރާކަމުގެ އިތުރުން، ޔޫރަޕު ފުޓުބޯޅައިގެ މައި އިދާރާގައިވެސް ޕެރޭޒްގެ ބަސް ހިނގާކަމަށް އަޑުފެތުރިފައި ވެއެވެ.

އަދި ދާދިފަހުން ފުޓުބޯޅައިގެ ނުފޫޒުގަދަ 12 ކުލަބަކުން ވުޖޫދުކުރަން މަސައްކަތްކުރި، އަދި މިހާރު ހުއްޓުމަކަށް އައިސްފައިވާ ޔޫރަޕިއަން ސުޕާ ލީގުގެ ޗެއާމަނަކީވެސް އޭނާއެވެ. ރިޕޯޓްތައް ބުނާގޮތުން ޕެރޭޒްގެ މިލްކިއްޔާތުގައި ޖުމްލަ 2.2 ބިިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.