ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހު ކުޅުނުމެޗުން ގްރަނާޑާ އަތުން ބަލިވެ، ވަރުގަދަ ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ބާސާ ބަލިވިއިރު އެޓީމަށް މެޗުން މޮޅުވެގެން މިވަގުތު އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށްވުރެ އެއް ޕޮއިންޓު އިތުރަށް ލިބި ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. މި މެޗުން ބާސާ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ބާސާއިންނެވެ. މެޗު ފެށިގެން މޮޅަށް ކުޅުނު ބާސާއިން އެޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މިއީ ކެޕްޓަން ލިއޮނަލް މެސީ އާއި އެޓީމަށްކުޅޭ ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަން ގުޅިގެން އުފެއްދި ރަނގަޅު ފުރުސަތަކުން ގްރީޒްމަންގެ އެހީތެރި ކަމާއިއެކު މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއިން ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި މޮޅަށް ކުޅުނީ ގްރަނާޑާ އެވެ. އެގޮތުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަ ގްރަނާޑާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗިސް އެވެ. އަދި މެޗުގެ ފުރިހަމަވަގުތު ހަމަވާން 11 މިނެޓަށްވެފައި ވަނިކޮށް ގްރަނާޑާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮލީނާ އެވެ.

މި ނަތީޖާއާއިއެކު ބާސާއަށް ޕޮއިންޓު ތާވަލުގައި 33 މެޗުން 71 ޕޮއިންޓާއިއެކު ލިބެނީ ތިންވަނައެވެ. ދެވަނައިގައި ވާދަވެރި ރެއާލް މެޑްރިޑުވެސް އޮތީ 33 މެޗުން 71 ޕޮއިންޓާއިއެކުއެވެ. ތާވަލުގެ އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 33 މެޗުން 73 ޕޮއިންޓާއިއެކުއެވެ. އަދި މެޗުން ބާސާ ބަލިކުރި ގްރަނާޑާ އަށް 33 މެޗުން 45 ޕޮއިންޓާއިއެކު ލިބެނީ 8 ވަނައެވެ.