ޔޫއެފާ ޔޫރަޕާ ލީގުގެ ފައިނަލްގެ އުންމީދު އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަބާރު މެންޗަސްޓަރ ޔުނައިޓެޑާއި ސްޕެނިޝް ލަލީގާގެ ވިލަރެއާލް ބޮޑުކޮށްފިއެވެ.

އެގޮތުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗަސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޯމާގެ މައްޗަށް ކުރިހޯދީ 2-6 ގެ ފަރަގުބޮޑު ނަތީޖާ އަކުންނެވެ.

ޔުނައިޓެޑާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ޔުނައިޓެޑުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ ލީޑުނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ އުންމީދީ މިޑްފީލްޑަރ ބްރޫނޯ ފެރްނާންޑޭޒް އެވެ.

އެހެންނަމަވެސް ރޯމާއިން ވަނީ އޭގެ ހަ މިނެޓުފަހުން ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ރޯމާއަށް ކާމިޔާބުކޮށްދިނީ ޕެލެގްރީނީ އެވެ. ރޯމާ އިންވަނީ މެޗުގައި ލީޑުވެސް ނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޕެލެގްރީނީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޒެކޯ އެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން ތިން މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް، އެޑިންސަން ކަވާނީ އެވެ. އަދި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދިނީވެސް ކަވާނީ އެވެ. ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޕޮގްބާ ކާމިޔާބުކޮށްދިން އިރު ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ބްރޫނޯ ފެރްނާންޑޭޒް އެވެ. އަދި ޔުނައިޓެޑުގެ ފަހު ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ.

އާސެނަލާއި ވިލަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އާސެނަލް އާއި ވިލަރެއާލްގެ ފުރަތަމަ ލެގުން 1-2 އިން ކުރިހޯދީ ވިލަރެއާލް އެވެ.

ވިލަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ވަނީ މެޗުގެ 5 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓްރިގުއެރޯޒް މުނިއޭޒް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ހަމަ މިހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަޕޯއެވެ. އާސެނަލުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕެޕޭ އެވެ.

މި ނަތީޖާތަކާއިއެކު ޔުނައިޓެޑާއި އާސެނަލުން ފައިނަލްގެ އުންމީދު ބޮޑުކުރިއިރު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތަށް ކުޅޭނީ މެއި މަހުގެ 7 ވަނަ ދުވަހުގެ 00:00 ގައެވެ. އެގޮތުން ރޯމާ އާއި ޔުނައިޓެޑުގެ މެޗު ރޯމާގެ ދަނޑުގައި ކުޅޭއިރު އާސެނަލާއި ވިލަރެއާލް މެޗު ކުޅޭނީ އާސެނަލުގެ އެމިރޭޓްސް ސްޓޭޑިއަމުގައެވެ.