ރާއްޖެ އިޝްތިހާރުކުރުމަށް މަގުބޫލު ލަގްޒަރީ މަޖައްލާއެއް ކަމަށްވާ ކޮނަސަރ ސަރކަލްއާއި އެކު ވިޒިޓް މޯލްޑިވްސް އިން އެއް އަހަރު ދުވަހުގެ ކެމްޕެއިންއެއް ފައްޓައިފިއެވެ.

މިއީ ޖަރުމަނު ވިލާތް، ސްވިޓްޒަލެންޑް އަދި އޮސްޓްރިއާގެ އެންމެ ލަގްޒަރީ ފަތުރުވެރިންނަށް އަމާޒުކޮށްގެން ދުނިޔޭގެ މަތީފަންތީގެ ހޮޓެލްތަކާއި އެހެނިހެން މަންޒިލްތަށް ދައްކުވާލަދޭ މަޖައްލާއެކެވެ. މި ކެމްޕެއިންގައި ދިވެހިރާއްޖެ އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން ޕްލެޓްފޯމުތަކުގައި އިޝްތިހާރުކުރެވިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މުޅި އަހަރު ދުވަހަށް ބަހާލެވިގެންދާ މި ކެމްޕެއިންގައި ކޮނަސަރ ސަރކަލްގެ ޕްރިންޓް މެގަޒިންގައި އެޑްވަރޓޯރިއަލްސް، އީ-މެގަޒިންގައި އެޑިޓޯރިއަލްސް، އަދި ސޯޝަލް މީޑިއައިގައި ވީޑިއޯ ކްލިޕްސް އާއި ޕޯސްޓް، ވެބްސައިޓުގައި ބެނަރ ޑިސްޕްލޭ އަދި ނިއުސް ލެޓަރތަކުގައި ދިވެހިރާއްޖެ ދައްކުވާލަދޭނެކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ކޮނަސަރ ސަރކަލްގެ ހޮސްޕިޓަލިޓީ އެވޯޑްސްގައިވެސް ދިވެހިރާއްޖެވަނީ 2021ގެ އެންމެ މަގުބޫލު ލަގްޒަރީ ޑެސްޓިނޭޝަންއަށް ވާދަކުރާ ކެޓަގަރީއަށް ހޮވިފައެވެ. މިކެމްޕެއިންގެ އޮންލައިން ޗެނަލްތަކުން 30،000 ކޮންސިއުމަރުން އަދި ސޯޝަލް މީޑިއާއިން 43,500 މީހުނަށް އިޝްތިހާރުތަށް ފެނިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. އަދި ޖަރުމަނު ވިލާތުގައި ޕްރިންޓް މެގަޒިންގެ 47,000 ކޮޕީ، ސްވިޓްޒަލެންޑްގައި 9,000 ކޮޕީ އަދި އޮސްޓްރިއާގައި 25,000 ކޮޕީ، އެމާކެޓުތަކުގެ އެންމެ ތަނަވަސް މީހުނަށް ފޯރާނެކަމަށް ބެލެވޭކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހާއި ހަމައަށް ޖަރުމަނު ވިލާތުން 7,386 ފަތުރުވެރިން، ސްވިޒަލެންޑް އިން 5,189 އަދި އޮސްޓްރިއާއިން 2،235 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިއެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދަތުރު ފަތުރަށް ބުރުއަރާފައިވާތީ، މިއީ ފާއިތުވި ދިޔަ އަހަރުތަކާއި ބަލާއިރު މަދު އަދަދެއްކަމަށް ވިޔަސް، މި 3 ޤައުމަކީ މުހިންމު 3 މާކެޓްކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ، ކޮނަސަރ ސަރކަލްއާއި އެކު ކުރިއަށް ގެންދާ ކެމްޕެއިންއަކީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓަޖީތަކުގެ ތެރެއިން ޖަރުމަނުމާކެޓުގައި ދިވެހިރާއްޖޭގެ އިޝްތިހާރުކުރުން އިތުރަށް ފުޅާކޮށް ދިވެހިރާއްޖެ އިޝްތިހާރުކުރުމުގައި ޖަރުމަނު ބަހުން ސޯޝަލް މީޑިއާގައި އިތުރަށް ބޭނުންކުރުމުގެ ސްޓްރެޓަޖީތައްކަމަށެވެ. މި ކެމްޕެއިންގެ އިތުރުން ވިޒިޓް މޯލްޑިވްސް އިން ދަނީ ތަފާތު އެކި ހަރަކާތްތަކާއި ކެމްޕެއިންތައް ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އިންތިޒާމުކޮށް ރާވަމުންނެވެ. މީގެ ތެރޭގައި ބޮޑެތި އެއާލައިންތަކާއި ޓުއާރ އޮޕަރޭޓަރުންނާއި އެކު ކުރެވޭ ކެމްޕެއިންތަކާއި، ޑެސްޓިނޭޝަން ޓްރެއިނިންގް، އަދި މިމާރކެޓްތަކުގެ ބޮޑެތި މީޑިއާތަކާއި ސްޓޭކް ހޯލްޑަރުންނާއި އެކު ރާވާފައިވާ ތަފާތު ހަރަކާތްތައް ހިމެނެއެވެ.

މި މަހުގައި ބޭއްވި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއްފެއާ ކަމުގައިވާ އައިޓ.ބީ ބާރލިންގައިވެސް ވަނީ ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެފައެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިއަހަރު މިފެއާ ބާއްވާފައިވަނީ ވާރޗުއަލް އިވެންޓެއްގެ ގޮތުގައެވެ. މިފެއާގައި ވިޒިޓް މޯލްޑިވްސް އިން ވަނީ ދިވެހިރާއްޖެ މަޤްބޫލު އަދި ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށްފައެވެ.

މިދިޔަ އަހަރު 555,494 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 180,000އަށްވުރެ ގިނަފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖެ އިޝްތިހާކުރަމުން އައި ގޮތް ބަދަލުކޮށް، ވިޒިޓް މޯލްޑިވްސް އިން ވަނީ އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ.

2021 ވަނަ އަހަރަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ދުނިޔޭގެ އެކި މާކެޓުތަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކާ އިތުރު އެތަކެއް ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، ޑިޖިޓަލް މީޑިއާ ކެމްޕޭން އަދި ވިޒިބިލިޓީ ކެމްޕޭންތައް ހިމެނެއެވެ.