ގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތް ވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނާއިބް ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ އޭނަ ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާޢު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތް ވުމަށް ރައީސް ޔާމީންގެ ސިކުނޑީގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށެވެ.

ކުޑައިރު މަންމަ ބުނޭ ދަރިފުޅާއޭ ނޭގެންޏާ ބޭބެ ކައިރީ އަހައިގެން ފިލާވަޅު ހަދާށޭ!"
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފައެވެ.

ކޮވިޑުގެ ހަލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ވެރިރަށް ފުރަބަންދުކުރުމަކީ، ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އިގްތިސާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.

އިގްތިސާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތާމެދު، ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު އެމަނިކުފާނަށް ވަޒަންކުރެވޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.