މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 2.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެސްޓީއޯއިން ބުނީ ނިމިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 15 އިންސަައްތައިގެ އިތުރުވުމެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 21 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 10 މިލިއަން ރުފިޔާ ދަށްވެފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މިއީ 3 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ބުނީ ފާއިތުވި އަހަރުތަކެކޭ އެއްފަދައިން އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއްދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިކުއާޓަރުގައި ބޮޑު އިސްކަމެއް ދީފައިވަނީ ރަމަޟާން މަަހު ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސްޓީއޯގެ ހިންގުމުގެ ޚަރަދު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރު ގާތްގަނޑަކަށް 10 އިންސައްތަ ދަށްވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ބޭޑް ޑެޓްސް ޕްރޮވިޝަން ދަށްވެފައިވުމުގެ ސަބަބުން ދަށްވި ދަށްވުމެއް ކަމަށް އެސްޓީއޯއިން ދެކެއެވެ.

ޓެކްސްއަށް ކެނޑުމުގެކުރިން، އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 130 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 12 އިންސައްތައިގެ އިތިރުވުމެކެވެ. މި އަދަދު އިތުރުވީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއެކު ފައިނޭންސް ކުރުމުގެ ޚަރަދު ކުޑަކުރެވިފައިވުމުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 109 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓާރ އާއި އަޅާބަަލާއިރު 18 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.